ދިވެހި ގައުމަށް އެންމެ ބޮޑު ހިޔާނާތެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ހިނގާލުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ހިންގާފައިވާ އަޑިނޭނގޭ ގުޅުންތަކުގެ ސަބަބުން ދިވެހި ގައުމުގެ މިނިވަން ކަމަށް ލޮޅުންއަރާފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ގައުމުގައި އިންޑިއާ ސިފައިން ބައިތިއްބަން ފުރުސަތު ދިނީ ރައީސް ސޯލިހުގެ ސަރުކާރުން ކަމަށެވެ. އެހެންކަމުން މި ގައުމަށް އެންމެ ބޮޑު ހިޔާނާތެއްވީ ބޭފުޅަކީ ރައީސް ސޯލިހު ކަމަށް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަކީ ވެސް ހިޔާނާތްތެރިންގެ ގޮތުގައި ސިފަކުރެއްވި އެވެ.
އިންޑިއާ ސިފައިންނާއި އަދި އެހެންވެސް އިސްތިއުމާރީ ބާރެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން އެދޭނެ އަދި އެކަމަށް ފުރުސަތު ވެސް ދޭނެ ކަމެއް ނޫން ކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. މިއަދު އެއްވި މީހުންގެ އަދަދުން އެކަން އެނގިގެންދާނެ ކަމަށާއި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށްދާ ހަރަކާތް ދެން ނުހުއްޓުވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި ގޮވާލުންތަކުގައި ބައިވެރިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދެން އިތުރުވާނެ ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކޮށްފައި ނޫނީ މިހާރު ކުރިއަށްދާ ހަރަކާތްތައް ނުހުއްޓާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ދިވެހިން ބޭނުންވަނީ އަމިއްލަވަންތަ އުފާވެރި އަދި ދިވެހިންގެ ދީނާއި ސަގާފަތު ދަމަހައްޓަމުން ކުރިއެރުމާއި ތަރައްގީ ހޯދަން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވެ ދިވެހިންގެ ކަންކަމަށް ބޭރުގެ އިސްތިއުމާރީ ސިފައިން ބާރުފޯރުވަން ފުރުސަތު ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުން މިއަދުގެ ހިނގާލުމަށް އެއްބާރުލުން ދީފައިވާތީ އަބްދުއްރަހީމް ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާ ސަލާމަތީ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ހިފެހެއްޓުމަށާއި އެކަމަށް އަބަދުވެސް އިސްކަން ދެއްވާ އިރުޝާދު ދެއްވާތީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.