އުތުރު ތިލަފަަޅުގެ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންނަށް ދައްކައިފި އެވެ.
ކޮމިޓީގެ ބައެއް މެންބަރުން ވަނީ އަވަސް އަށް އެކަން ޔަގީންކޮށްދެއްވާފަ އެވެ.
އުތުރު ތިލަފަަޅުގެ އެއްބަސްވުމުގެ އަސްލު ކޮމީޓީގެ މެންބަރުންނަށް ދެއްކެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު 241 ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށްފަހު އެވެ.
ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ އަސްލު މެންބަރުންނަށް ދައްކަވާ އޭގެ މުހިއްމު ބައިތައް ވިދާޅުވުމަށް ވެސް ފުރުސަތު ލިބިވަޑައިގެންނެވި ކަމަަށެވެ. އެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ހިމަނާފައި ނުވާ ކަމުގެ ޔަގީންކަން އަސްލަމް ދެއްވި އެވެ.
"އެ އެއްބަސްވުމުގެ އަސްލު އަޅުގަނޑުމެން ބޭނުން ވަރަކަށް ބޭނުން އިރަކު ކިޔައި ބަލަން ލިބުނު. އެޔަކު ނެތް ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޓީގައި މިއަދު ދިރާސާކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި އެކު 2016 ވަނަ އަހަރު ސޮއިކޮށްފައިވާ ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމާއި އުތުރު ތިލަފަޅު އެއްބަސްވުމެވެ. ކޮމިޓީގެ މަސައްކަތް މުުޅިން ނިމޭނީ ހައިޑްރޮގްރަފީއާ ގުޅޭ އެއްބަސްވުމާއި، ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުން ވެސް ދިރާސާކުރެވުމުން ކަމަށްވެސް ވިދާޅުވި އެވެ.
ކޮމިޓީގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ސަރުކާރުން މަޝްވަރާކޮށްފައި އޮތް ގޮތާ ތަފާތުކޮށް ބައެއް ކަންކަން ވަރަށް ބޮޑަށް ހަނިކޮށްފައި ކަމަށެވެ.
"[އުތުރު ތިލަފަޅު] އޮޕަރޭޝަނަލް ބޭނުމަށް ޓަކައި އިންޑިއާ ނޭވީ ބޭނުންކުރުުމަށާއި އެކަހަލަ ވަަރަށް ބައިވަރު ވާހަކަތައް އެކްޝަން ޕްލޭންގައި ހުރީ ހިމަނާފައި. އެކަަމަކު އަޅުގަނޑުމެން ހަނިކޮށްފައި ވާނީ ހަމައެކަނި ސަޕޯޓާއި މެއިންޓެނެންސަށް އެކަނި [ބޭނުންކުރާ ގޮތަށް]،" މާރިޔާ ވިދާޅުވި އެވެ.
ކޮމިޓީ އަށް މިއަދު ވަޑައިގެންނެވި ބޭފުޅުން ވަނީ އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅޭ ވަރަށް ތަފްސީލް ޕްރެޒެންޓޭޝަނެއް ވެސް ކޮމިޓީގެ މެންބަރުންނާ ހިއްސާކޮށްފަ އެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ލައިވް ފީޑް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލި ނަމަވެސް ފަހުން ވަނީ ކޮމިޓީގެ ބައްދަލުުވުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފަ އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ސަލާމަތީ އެއްބަސްވުންތަކެއްގެ މައްސަލަ 241 ކޮމިޓީން ބަލަން ފެށީ އެ ކޮމިޓީގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.