އެމްއާރުއެމް

ސުޕްރީމް ކޯޓުގެ ނިންމުމަށް އެމްއާރްއެމުން މަރުހަބާ ކިޔައިފި

Oct 24, 2021

ޒިނޭގެ ކުތް ސާބިތުކުރުމަށް ޑީއެންއޭ ހެއްކެތް ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މަރުހަބާ ކިޔައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރިތާ ކުޑައިރުކޮޅެއް ތެރޭގައި އެމްއާރްއެމް ވަނީ ކޯޓުގެ އެ ނިންމުމަށް މަރުހަބާ ކިޔާފަ އެެވެ.

އެމްއާރްއެމް އިން ބުނީ ޑީއެންއޭ ހެއްކަކީ ކުށް ސާބިތުކުރުމަށް ބޭނުންކުރެވިދާނޭ ހެއްކެއް ކަމަށް ކަނޑައަޅައެޅުމާއިއެކު، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެފަދަ މައްސަލަތަކުގައި ހަމަހަމަ ކަމާއިއެކު އިންސާފު ގާއިމުކުރެވޭނެ ކަމަށެވެ. އަދ އެއީ ތާރީހީ ފިޔަވަޅެއް ކަމުގައިވެސް ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް ޕީޕީއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ހެއްކެއްގެ ގޮތުގައި ޑީއެންއޭ ބަލައިގަތުމާ ބެހޭ ގޮތުން މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެކަށީގެންވާ ފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ޒިނޭގެ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާ ފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމަށެވެ.

އެހެންކަމުން އެ މާއްދާގައިވާ ގޮތުން ރާއްޖޭގައި ވެސް ޑީއެންއޭ ފަދަ ގަތުއީ ގަރީނާތަކުން ހައްދުގެ ކުށް ސާބިތުކުރެވޭނެ ކަން އެނގޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ފާހަގަކުރެއްވި އެވެ. އެހެންވެ މައްސަލައިގައި ދައުވާ ރައްދުވާ މީހާގެ މައްޗަށް ކުށް ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެ ކަން އެނގޭ ކަމަށްވެސް އިންގިލާބީ ހުކުމުގައި ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދު ވަނީ ތާއީދުކުރައްވާފަ އެވެ.