އަބްދުﷲ ޝާހިދު

ހައްގުތައް ކަށަވަރުކުރުމަށް އދއާ އެކު ސާބިތުވެ އޮންނާނެ: ޝާހިދު

Oct 24, 2021

އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި އަދުލު އިންސާފާއި ހަމަހަމަކަން ހުރިހާ ގައުމުތަކަށްވެސް ހޯދައިދިނުމުގެ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް އދ އާއި އެކު ސާބިތުކަންމަތީ މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ އދ ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި ހާއްސަ މެސެޖެއްގަ އެވެ.

އދ ދުވަސް ފާހަގަކުރާއިރު އެ ޖަމިއްޔާގެ 76 ވަނަ އާންމު މަޖިލީހުގެ މިހާރުގެ ރައީސް އަކީ ވެސް އަބްދުﷲ ޝާހިދު އެވެ.

ޝާހިދުގެ މެސެޖުގައި ވިދާޅުވީ އދ އަށް 76 އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާއިރު އދ ގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް މަލްޓިލޭޓަރަލިޒަމް އާއި ޑިޕްލޮމަސީއަށް ކުރާ އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވަވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ އދގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އަސާސްތަކުގެ މައްޗަށް ރިއާޔަތްކޮށް ހުރިހާ މެމްބަރު ގައުމުތަކާއި ގުޅިގެން އަދި މަލްޓިލޭޓަރަލިޒަމްގެ ރޫހު ދަމަހައްޓައިގެން ރާއްޖެއިން މަސައްކަތްކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޓެރަރިޒަމާއި، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން މުޖުތަމައުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލިފައިވާ ކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެންމެންނަށްވެސް އުފާވެރި މުސްތަގުބަލެއް ލިބޭނެކަމުގެ އުއްމީދު ރާއްޖެއިން ކުރާ ކަމަށެވެ. އެ އުއްމީދުގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި އަދުލު އިންސާފާއި ހަމަހަމަކަން ހުރިހާ ގައުމުތަކަށްވެސް ހޯދައިދިނުމުގެ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް އދ އާއި އެކު ސާބިތުކަންމަތީ މަސައްކަތްކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.

ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައިވީ ނަމަވެސް ދިވެހިރާއްޖެ އަކީ އދގައި ހަރަކާތްތެރި ގައުމެކެވެ. އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށް ދިވެހިރާއްޖޭގެ ކެނޑިޑޭޓްގެ ހައިސިއްޔަތުން އެމަނިކުފާނު އިންތިހާބު ކުރުމުން ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެއަށް ކުރާ އިތުބާރު ހާމަވާ ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވެ އެވެ.

"ދިވެހިރާއްޖޭގެ ކެންޑިޑޭޓްގެ ހައިސިއްޔަތުން އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި އަޅުގަނޑު މަސައްކަތް ކުރުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް. މިއީ އެއްވެސް މީހަކު ބާކީ ނުވާ، ރައްޔިތުންނާއި މުޅި ދުނިޔޭގެ ފާގަތިކަމަށް އޮތް އުއްމީދީ ރިޔާސަތެއް ކަމުގެ ޔަގީންކަން މެމްބަރު ހުރިހާ ގައުމުތަކަށްވެސް އަރުވަން،" ޝާހިދުގެ މެސެޖުގައި ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް އެންމެން ގުޅިގެން މަސައްކަތްކޮށްގެން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި، އެޖެންޑާ 2030 އާއި، ޕެރިސް އެގްރީމެންޓްގައިވާ ލަޑުދަނޑިތައް ކާމިޔާބުކުރެވޭނެ ކަމަށެވެ. އަދި ދުނިޔޭގެ އެއްބައިވަންތަކަމާއި މަލްޓިލޭޓަރަލިޒަމްގެ ރޫހު ދަމަހައްޓައި، އެ ގޮންޖެހުންތަކުން އަރައިގަނެ އަންނާން އޮތް ޖީލުތަކަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދެވޭނެ ކަމަށެވެ.

ރާއްޖެއިން އދ އާ ގުޅުނީ 1965 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އދ އާއި ގުޅުނު ކުދި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެ އެވެ.