ދުނިޔެ

ގަތަރަށް ޑްރޯން ވިއްކަން އެމެރިކާ ބޭނުމެއް ނުވޭ

ގަތަރުން ޑްރޯން ގަތުމަށް އެމެރިކާގެ ކިބައިން އެދުނު އެދުމަށް އެމެރިކާއިން އިޖާބަ ނުދިނުމުން ގަތަރު އޮތީ ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ބުނެފި އެވެ. އެކަމަކު އެމެރިކާއަށް މިފަހަކުން ދިމާވި އެންމެ ބޮޑު ތަކުލީފު، އަފްޣާނުން ސިފައިން ބޭރުކުރުމުގައި އެންމެ ބޮޑު އެހިތެރިކަމެއް ވެދިނީ ގަތަރުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ގަތަރުން ވަނީ ޕްރިޑޭޓާ މޮޑެލްގެ ހަތަރު ޑްރޯން ގަތުމަށް މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން އެމެރިކާއަށް ހުށަހަޅާފަ އެވެ. އެމެރިކާގެ ޚާރިޖިއްޔާއިން އަދި މިހާތަނަށް މިކަމަށް އިޖާބަ ދީފައި ނުވާ ކަމަށް ވެއެވެ. އަނެއްކޮޅުން ލަސްވާ ސަބަބު ބުނެދޭން ވެސް އޮފިޝަލުން ދެކޮޅު ހަދާ ކަމަށް ވޯލް ސްޓްރީޓުން ބުނެ އެވެ.

ގަތަރުގ ހިތްހަމަ ނުޖެހިފައި އޮތްކަން އެމެރިކާއަށް ވެސް އެނގެ އެވެ. ވޯލް ސްޓްރީޓް ޖާނަލުން ބުނާ ގޮތުން އަފްޣާންގައި އެމެރިކާއަށް އެހާ ބޮޑު އެހީތެރިކަމެއް ގަތަރުން ވެދިނުމުން ބަދަލެއް ގޮތުގައި ޑްރޯން މަޝްވަރާ ފެށުން ރަނގަޅެވެ.

ގަތަރުން ބުނީ ޑްރޯންތަކާ ބެހޭ ގޮތުން އެގައުމަށް އެއްވެސް ޖަވާނެއް ނުދިން ތަނުގައި އެމޮޑެލްގެ ޑްރޯންތައް އެމެރިކާއިން އެހެން ގައުމުތަކަށް ވިއްކަންމުން ގެންދާ ކަމަށެވެ. އެމެރިކާއިން އަސްކަރީ ވަސީލަތްތައް ފޯރުކޮށްދެނީ އެފަހަރަކު އެމެރިކާއަށް ބޭނުންޖެހިފައި ކަމެއް ފަސޭހައިން ކޮށްދޭ ބަޔަކަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ގަތަރުން ޑްރޯން ގަންނަނީ އަސްކަރީ ބޭނުމަށް ނޫން ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ބުނެ އެވެ. ޑްރޯންތައް ބޭނުންކުރަން ވިސްނާފައި އޮތީ ގަތަރުގެ ގޭސްވަޅުތައް ބެލެހެއްޓުމަށް ކަމަށް އޮފިޝަލުން ބުނެ އެވެ.

ސަރަހައްދުން ޓެރަރިޒަމް ނައްތާލުމާއި ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ސެކިޔުރިޓީ ވަރުގަދަކުރުމަކީ ވެސް ވިސްނުމެއް ކަމަށް ވެއެވެ. މި އެއްބަސްވުމުގެ އަގު 600 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.