އެމްއޭސީއެލް

އިޓަލީން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

އިޓަލީގެ ނިއޯސް އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

ނިއޯސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ އިއްޔެ އެވެ. އެ އެއާލައިނުން މީގެ ކުރިންވެސް ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ނިންމި އެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން އޭރު އެ ދަތުރުތައް ފަސްކުރީ އެވެ.

ނިއޯސް އިން އިޓަލީގެ މިލާން އަދި ރޯމުން ރާއްޖެއަށް ކޮންމެ ހަފުތާއަކު ތިން ދުވަހު ސީދާ ދަތުރުތައް ބާއްވާނެ އެވެ. އެ ދަތުރުތަކުގައި ބޭނުން ކުރާނީ 350 ޖާގައިގެ މަތިންދާ ބޯޓުތަކެވެ.

އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ގައުމުތަކުގެ ލިސްޓުގެ ހަތަރު ވަނައިގައި އިޓަލީ ހިމެނެ އެވެ. އެގޮތުން އެ ގައުމުން ރާއްޖެއަށް 46،690 ފަތުރުވެރިން އައިސްފައިވެ އެވެ.

ނަމަވެސް ކޮވިޑާއި ގުޅިގެން ބޯޑަރު ބަންދުކޮށް އަލުން ހުޅުވި ފަހުން އިޓަލީން އަންނަ މީހުންގެ ނަންބަރު ދަށްވެފައިވާ ކަން ފާހަގަވެ އެވެ. މި އަހަރުގެ މިހާތަނަށް ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓަށް ބަލާއިރު އިޓަލީ އުޅެނީ ވަރަށް ފަހަތުގަ އެވެ.