ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓާއި ވާދަކުރައްވާނެ ސިޔާސީ ލީޑަރަކީ މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން ސާވިސްގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ޝާހިދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ޝާހިދަކީ ތަޖުރިބާ ހުރި ގާބިލް ބޭފުޅެއް ކަމަށެވެ. އެމަނިކުފާނުގެ ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެބޭފުޅުންނާ ދެން ވާދަކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވައިގެން އަބްދުﷲ ޝާހިދު ކަމަށެވެ.
"ފޮރިން މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ޝާހިދުގެ ހިކުމަތްތެރިކަމާއި ހުނަރުވެރިކަމުގެ ސަބަބުން އަޅުގަނޑުމެންނާ ވާދަކުރައްވަން ހުންނެވި އެންމެ ވަރުގަދަ ލީޑަރަކީ އަބްދުﷲ ޝާހިދު ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވަނީ ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތުން ފޮރިން ސާވިސްގެ ބިލެއް ފާސްކޮށް ފޮރިން ސާވިސް މިނިވަންކޮށް ހިންގަން ފުރުސަތު ދިނުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އަދި އެ ބިލް ފާސްކުރުމާ ދެކޮޅަށް "ރަތް" ޖައްސަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ފޮރިން ސާވިސްގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަކީ ޔުނިޓަރީ ދައުލަތެއް ސިފަ ގެއްލިގެންދާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ވަޒީރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާތި ވަޒީރުންނަށް ގާނޫނު އަސާސީން ނުލިބޭ ބާރާއި ވަކި ވަޒީރަކަށް ދިނުމަށް ބިލެއް ފާސްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އެއީ ރައީސް ސޯލިހް އަމިއްލަފުޅު ލޮލަށް ހަރާލެވޭ އިލޮށިގަނޑެއް ތައްޔާރުކުރުން ކަމަށްވެސް ސިފަކުރެއްވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ފޮރިން ސާވިސްގެ ބިލް އޮތް ގޮތުން ފޮރިން މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ބާރާއި ނުފޫޒު ހިންގަން ފުރުސަތު އެބައޮތް ކަމަށެވެ. އދ.ގެ ރައީސް ކަމަށް ޝާހިދު ވަޑައިގެންނެވި ފަހުން ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުުޅުން އެ މަންޒަރު ފެނިވަޑައިގެންނެވި ކަމުގައިވެސް ވިދާޅުވި އެވެ.
އަބްދުﷲ ޝާހިދަށް ވުރެ ވަކިން ނުފޫޒު ގަދަ ސިޔާސީ ބޭފުޅަކު މިއަދު ސަރުކާރުގެ ތެރެއިންނާއި އެމްޑީޕީގެ ތެރެއިން ނުފެންނަ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. އެގޮތުން ރައީސް ސޯލިހަށް ކަންކަމުގައި ވިސްނަވައި ދެއްވައިގެންނާއި އެމްޑީޕީގެ މެންބަރުންގެ މައްޗަށް ނުފޫޒު ފޯރުއްވައިގެން ބޭނުންވާ މަގުސަދު ހާސިލްކުރެއްވުމަށް ޝާހިދަށް ވުރެ ވަކިން ކުޅަދަނާ ބޭފުޅަކު ވެސް މިއަދު ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
ފޮރިން ސާވިސް ބިިލްގެ ބޭނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމްކުރުން ކަމަށް ބުނެފައި ވެއެވެ. ހަމަ އެހެންމެ އެ ހިދުމަތް ރޭވިފައިވާ ގޮތާއި އެ ސާވިސް ހިންގުމާ ގުޅޭ އުސޫލުތަކާއި އެ ސާވިސްގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގަނޫނީ އޮނިގަނޑު އެކުލަވާލުން ވެސް ހިމެނެ އެވެ.
ބިލް ފާސްވެ ގާނޫނަކަށްވާތާ 90 ދުވަސް ތެރޭ ފޮރިން ސާވިސް އެކުލަވާލަން ޖެހެ އެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ލަފާ ދިނުމަށްޓަކައި ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑެއް ވެސް އެކުލަވާލަން ޖެހެ އެެވެ.
ބިލުގައިވާ ގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އަދި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ރައީސްގެ އަންގަވާ ގޮތެއްގެ މަތިން ފޮރިން ސާވިސްގެ ގާނޫނާ އެއްގޮތަށް ފޮރިން ސާވިސް ހިންގުމުގެ އެންމެ އިސްވެރިއަކަށް ވާނީ ފޮރިން މިނިސްޓަރެވެ. ފޮރިން ސާވިސްގެ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ހިންގުމަށް މިނިސްޓަރަށް އެހީތެރިވުމަށް ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި ފޮރިން ސެކްރެޓަރީ އެއް ހުންނަަން ޖެހެ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރާނީ މިނިސްޓަރުގެ ލަފާޔާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ.