ދޮގު ތުހުމަތުތައް ކުރާނަމަ ދައުވާ ކުރައްވާނެ ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމް މިފަދައިން ވިދާޅުވީ އެމްްއެންޕީ ރަޖިސްޓްރީކުުރުމަށް ފަހު އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަަށް ޖަވާބު ދެއްވަމުން ނެވެ.
އެގޮތުން ނާޒިމް ހަތިޔާރު ވަގަށް އެތެރެކުރާ ކަމަށް މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ އެ ވާހަކަތަކަކީ ގާސިމް ޖަޒުބާތުގައި ހުރެގެން ދެއްކެވި ވާހަކަތަކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ނިމިގެން ދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ނާޒިމް ވިދާޅުވީ ދުވަހަކު ވެސް ހަތިޔާރުގެ ވިޔަފާރިކޮށްފައި ނުވާނެ ކަމަށާއި އަދި ވަަގަށް ހަތިޔާރު އެތެރެކުުރުމުގައި ވެސް ބައިވެރިވެފައި ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުވެސް ކުރައްވާނެ ކަމަށެވެ.
"މީހަކާ ދޭތެރޭ ތުހުމަތެއް ކުރަންވާނީ ކޮންމެވެސް ވަރެއްގެ އަސްލެއް ހިމެނިގެން. ޖަޒުބާތުގައި އެކަހަލަ ކަމެއް ކުރައްވައިގެން ނުވާނެ. އޮނަރަބަލް ގާސިމްއަށް ވެސް ދަންނަވަން އޮތީ އަޅުގަނޑާ ގުޅޭ ގޮތުން އެކަހަލަ ވާހަކަ ނުދައްކަވާށޭ. އަޅުގަނޑު ހަމަ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެކޭ. އަދި އެހެން ބޭފުޅަކުވެސް ދައްކަވަންޏާ އެކަމެއްގެ ހަގީގަތް ބައްލަވާފަ. ދެން ކުރިއަށް އޮތް ތަނުގައި އަޅުގަނޑު ދަންނަވަން އޮތީ މިފަދަ ތުހުމަތެއް އަޅުގަނޑަށް ކޮށްފިއްޔާ އަޅުގަނޑު އެކަމާ ގުޅޭ ގޮތުން އެބޭފުޅަކާ ދައުވާ ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.
ކުރިން ނާޒިމް ހުންނެވީ ގާސިމްގެ ޖުމްހޫރީ ޕާޓީގަ އެވެ. ނަމަވެސް އެމްއެންޕީ އުފައްދަން ނާޒިމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތީ އެވެ. އެކަމާ ގުޅިގެން ގާސިމްގެ ނުރުހުން ނާޒިމްއަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. ގާސިމް ވިދާޅުވެފައިވާ ގޮތުގައި ނާޒިމް މަޖިލީހަށް ހޮވަން ފަސް މިލިއަން ރުފިޔާ އޭނާ ހަަރަދުކުރެއްވި އެވެ. ނަމަވެސް ނާޒިމްއަށް ޖުމްހޫރީ ޕާޓީއަށް އިހުލާސްތެރިވެވަޑައެއް ނުގަންނެވުނެެވެ. އެ ތުހުމަތުތައް ނާޒިމް ދޮގުކުރެއްވިއެވެ. އަދި އެކަމަށް ދާއިރާގެ ރައްޔިތުން ހެކިވާނެ ކަމަށް ވިދާޅުވިއެވެ.