މުހައްމަދު ނާޒިމް

ޔާމީނަށް އިންތިހާބުގައި ވާދަކުރެވެންޖެހޭނެ: ނާޒިމު

Feb 17, 2023
1

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ އިން "ރައްޔިތުންގެ އުދާސް"ގެ ނަމުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ ރިޔާސީ ރޭހަށް ނިކުންނެވުމަށް ތައްޔާރުވެ ހުންނެވި ޕާޓީއެއްގެ ލީޑަރެއްގެ ހައިސިއްޔަތުން ރައީސް ޔާމީން ޖަލުގައި އޮތުން އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ރައީސް ޔާމީނަށް ފުރުސަތު ދިނުމަށްވެސް ނާޒިމު ގޮވާލެއްވި އެވެ.

"ރިޔާސީ ރޭހަށް ނިނުންނަވާނެ ކަމަށް ވިދާޅުވެފައިވާ ލީޑަރެއް ޖަލުގައި އޮތުން އެއީ ވަރަށް ކަންބޮޑުވާ ކަމެއް. ރައީސް ޔާމީން ޖަލުގައި އޮވެގެން ނުވާނެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު އޮންނަންވާނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ،" ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުގައި ހުންނެވި ނާޒިމް ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލުގައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވާ ނާޒިމު ވިދާޅުވީ ރާއްޖޭގައި ކުރިން ވެރިންކަން ކުރެއްވި ވެރީން ޖަލަށްލާންޖެހޭ ސަގާފަތާ މެދު ހިތާމަކުރައްވާ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް އިންސާފު ކަށަވަރުކޮށްދިނުމަށްވެސް ނާޒިމު ގޮވާލެއްވި އެވެ.

ވެރިކަންކުރި މީހުން ޖަލަށްލާ ސަގާފަތް ނައްތާލަން ޖެހޭކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވި އޭނާ އަކީ ޖަލުގައި ވަރަށް ގިނަ ދުވަހު ވަރަށް ނިކަމެތިކަމާއެކު އޮތް މީހެއް ކަމަށެވެ. އެހެންވެ އެއްވެސް މީހަކު ޖަލަށްލުމަށް ނޭދޭ ކަމަށާއި މީހަކު ޖަލަށްލުމުން އެމީހެއްގެ އާއިލާއަށް އެލިބޭ ނިކަމެތިކަން އިހުސާސްކުރެވޭތީ އެކަން އެހެން މީހަކު ތަހައްމަލުކުރަން ނޭދޭ ކަމުގައިވެސް ވިދާޅުވި އެވެ.

"ޖަލަކީ ފަސޭހަ ތަނެއް ނޫން. އެކަނި ތަނަކަށް މީހަކު ލާފައި ދެދުވަސް އެކަނި ހޭދަކޮށްލުމުން އެއީ ކިހާވަރެއްގެ ކަމެއްކަން އިހުސާސް ކުރެވޭނެ. އަޅުގަނޑު ޖަލަށްލުމުން އަށް އަހަރުގެ ދަރިފުޅު ޖެހުނީ ބޯޑިން ސްކޫލަކަށް ރާއްޖޭން ބޭރަށް ފޮނުވާލަން. ދަރިއަކާ ބައްޕައަކާ ދެމެދު އޮންނަންވާ ކުލުނު ނެތް. އެހާލަތު އިހްސާސުކުރެވުނު މީހެއްގެ ހައިސިއްޔަތުން ރައީސް ޔާމީނުގެ ތުއްޕުޅު ބޭފުޅާއަށް މިފަދަ ހާލަތެއް މެދުވެރިވާން އެއްވެސް ވަރަކަށް ބޭނުމެއް ނުވޭ. އަޅުގަނޑުމެން އިންސާނިއްޔަތަށް ލޯބިކުރަން ޖެހޭ،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން މިހާރު ފެންނަނީ "ސެލެކްޓިވް ޖަސްޓިސް" ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން އަދަބު ދޭ މަންޒަރު ކަމަށެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ވަރަށް ގިނަ ފަރާތްތައް ޝާމިލްވާކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ އެ މައްސަލައިގައި އިނގިލި ދިމާކޮށްލާފައި އަދަބު ދިނީ އެންމެ މީހަކަށް ކަމަށާއި އެއީ ރައީސް ޔާމީން ކަމަށެވެ. އެއީ ކަންކަން ހިނގަންޖެހޭ ގޮތް ނޫން ކަމަށާއި އެންމެންގެ މައްޗަށްވެސް ކަންކަން ކުރެވިގެން ދާންވާނީ ހަމަހަމަކަމާއި އިންސާފާއެކު ކަމުގައި ވިދާޅުވި އެވެ.

"އެމްއެންޕީގެ ސަރުކާރެއް ވާނީ އިންސާފު ގާއިމުކުރާ ސަރުކާރަކަށް،" ނާޒިމު ވިދާޅުވި އެވެ.

އެމްއެންޕީގެ ރޭގެ ޖަގަހަ ޖަލްސާގައި ޕާޓީގެ ރައީސް އާއި ޕާޓީގެ ލީޑަޝިޕްގެ އިތުރުން އާންމު މެންބަރުން ބައިވެރިވި އެވެ. މީގެ އިތުރުން އެމްއެންޕީއާ އަލަށް ގުޅުނު މީހުންގެ ފޯމުތައް ހަވާލުކުރުން ވެސް ރޭ އޮތެވެ.