ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރު ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސް އަށް ވޯޓު ދެއްވުމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ގޮވައިލައްވައިފި އެވެ.
ހަންނާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ، އެ ޖަލްސާގައި ސަރުކާރުގެ އެތައް ވައުދެއް ނާޒިމް ހަނދާން ކޮށްދެއްވި ކަމަށެވެ. ނާޒިމް ފާހަގަކުރެއްވީ އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް، ރާޝިދުގެ ކެމްޕޭން ޖަލްސާގައި ބައިވެރިވެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ދާއިރާއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ވައުދުފުޅުތަކެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީގެ މެމްބަރުން ބޭއްވި ޖަލްސާގައި މި ޝުއޫރުތައް ސަރުކާރަށް އިއްވިން. ސަރުކާރަށް އަޑުއިވިއްޖެ. އެކަންކަން ރައްޔިތުންނަށް ހާސިލްވާން ފަށައިފި. މިތަނުގައި ސަރުކާރުން ބޭއްވި ޖަލްސާގައި އެ ވައުދުތައް ސަރުކާރުން ތަކުރާރުކޮށްފި. ހަފްތާއިން ދެ ހަފްތާއިން އެކަންކަން ރައްޔިތުންނަށް ހާސިލްވާނެ ކަމަށް [ރައީސް] ވިދާޅުވި،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ހިމެނޭ އެރަށާއި، މަރޮށި އަދި ފޯކައިދޫއަށް ވަޑައިގެން ހުރިހާ ގެއަކަށް ޒިޔާރަތްކުރެއްވި ކަމަށެވެ. އެ ޒިޔާރަތްކުރެއްވުމުގައި ރައްޔިތުން ތިބި ނިކަމެތި ހާލު ފެނިވަޑައިގަތް ކަމަށެވެ. އެގޮތުން ކޮމަންޑޫގައި ދެ އިރަށް ފެން ކެނޑޭކަން ވެސް ފާހަގަކުރެއްވި އެވެ.
އެ ޕާޓީއިން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވުން ކަމަށާއި، އެކަން ކޮށްދެވޭނީ ހަންނާނު ރައްޔިތުންގެ މަޖިލިސް ގޮނޑީގައި ބައިންދައިގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހަންނާނަކީ ކޮމަންޑޫއަށް އުފަން ބޭފުޅެއް ކަމަށާއި، އެ ދާއިރާއަށް އެހެން ރަށެއްގެ ބޭފުޅަކު ބޭންދުމަށް އެ ދާއިރާގެ ރައްޔިތުން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހަންނާންގެ ފުރަތަމަ ކެމްޕޭން ޖަހަގަ ކޮމަންޑޫ ދާއިރާގައި މިމަހުގެ ހަތްވަނަ ދުވަހު ހުޅުވީ މަރޮށީގަ އެވެ. އެރޭ ދެވެނަ ޖަގަހަ ހުޅުވީ ފޯކައިދޫގަ އެވެ. އަދި ރޭ ވަނީ ކޮމަންޑޫ ޖަގަހަ ރަސްމީކޮށް ހުޅުވާފަ އެވެ.