މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ރައްޔިތުންގެ އިތުބާރު ލިބެމުންދާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އޮތް ށ. ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގެ ގޮނޑިއެއް ކާމިޔާބުކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެ ޕާޓީގެ ފުރަތަމަ ކާމިޔާބީ ހޯދުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް މިއަދުވެސް ވިދާޅުވީ އެމްއެންޕީ އުފެއްދީ ރައްޔިތުންގެ ހެވާ ލާބައަށްޓަކައި ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ކަމަށާ ސިޔާސީ ފިކުރަށް ބެލުމެއް ނެތި އެ ޕާޓީން ކޮންމެ ރައްޔިތެއްގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ ޕާޓީން ކުރަމުން ދަނީ އިހުލާސްތެރި މަސައްކަތްތަކެއް ކަމަށާ އެ މަސައްކަތް ރައްޔިތުން މިއަދު ބަލައިގެންފައިވާ ކަމަށެވެ.
ސިޔާސީ ގޮތުން ބާރުވެރި ޕާޓީއަކަށް ވުމަށް އިންތިހާބުތަކުގައި ވާދަކޮށް ކާމިޔާބު ހޯދުމަކީ މުހިންމު ކަމެއް ކަމަށާ އެކަން މިއަދު ހާސިލުވަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެ ޕާޓީ އުފެއްދި މަގުސަދު ހާސިލު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގައި ދެމި އޮންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި އުފުލަން ޖެހޭ އަޑު އުފުލުގައި ދެމި އޮންނާނެ ކަމަށެވެ.
"ރައްޔިތުންގެ އިތުބާރު އަޅުގަނޑުމެންނަށް ލިބޭ ކަމަށް އަޅުގަނޑުމެން ދެކެނީ،" ނާޒިމް ވިދާޅުވިއެވެ.
ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އެމްއެންޕީ އާއި އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓުން ވާދަކުރި އެވެ. އެ ރަށުގެ އަންހެނުންގެ ކޮމެޓީގެ ދެ ގޮނޑިއަކަށް މެންބަރުން ވަނީ އިންތިހާބުކޮށްފައެވެ.
އެންމެ ގިނަ ވޯޓާއެކު އިންތިހާބުން ކުރި ހޯދީ އެމްއެންޕީގެ ކެންޑިޑޭޓް ޒައީމާ އާދަމް އެވެ. ޒައިމާ ވަނީ 334 ވޯޓް ހޯދާފައެވެ. މިއީ އެމްއެންޕީ އުފެދުނު ފަހުން އެ ޕާޓީން ހޯދި ފުރަތަމަ ކާމިޔާބެވެ.
އެ ޕާޓީން ފުރަތަމަ އިންތިހާބެއްގައި ވާދަކުރީވެސް ކޮމަންޑޫ ދާއިރާގެ މަޖިލީސް ބައި އިލެކްޝަންގައެވެ. އެ ކެމްޕެއިންގައިވެސް އެ ޕާޓީން ވަނީ ތަފާތު ދައްކާފައެވެ. އޭގެ ފަހުން އޮތް ގިނަ ބައި އިލެކްޝަންތަކުގައި އެ ޕާޓީން ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ދިޔައީ ހޯދަމުންނެވެ.
އެންމެ ފަހުން އޮތް ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ކެންޑިޑޭޓް ބަލިވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
މިވަގުތު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޕާޓީތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް ޕާޓީއަކީ އެމްއެންޕީއެވެ. މަޖިލީހުގައިވެސް އެ ޕާޓީގެ ތިން މެންބަރުން ގެންދަނީ ގިނަ ބިލްތަކެއް ހުށައަޅަމުންނެވެ. ކުރިއަށް އޮތް 2023 ގެ އިންތިހާބުގައި ވާދަ ކުރުމަށްވެސް އެ ޕާޓީން ވަނީ ނިންމާފައެވެ.