މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ލީޑާޝިޕް އަލުން ކޮމަންޑޫ ދާއިރާއަށް

Jan 21, 2022

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑާޝިޕް ބޭފުޅުން ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފި އެވެ. މިއީ އެ ބޭފުޅުން އެ ދާއިރާއަށް ވަޑައިގެންނެވި ތިން ވަނަ ފަހަރެވެ.

އެ ޕާޓީގެ ލީޑާޝިޕުން މިއަދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައި ވަނީ އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ހަންނާން އިދުރީސްގެ ކެމްޕޭނު ހަރަކާތްތަކަށެވެ. މިހާރު ލީޑާޝިޕްގެ ބޭފުޅުން ތިއްބެވީ ފޯކައިދޫގަ އެވެ.

މިރޭ ހަންނާން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދާއިރާގައި ހިމެނޭ ތިން ރަށަށް ވަޑައިގެން ހަންނާންގެ ކެމްޕޭނުގައި ލީޑާޝިޕުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. ފޯކައިދޫގެ އިތުރުން ކޮމަންޑޫ އަދި މަރޮށީގައި ވެސް ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ބޭފުޅުންގެ މި ދަތުރު ނިންމަވައިލައްވާނީ ހޯމަ ދުވަހު އެވެ.

މީގެ ކުރިން ވެސް އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް އާއި ލީޑާޝިޕްގެ ބޭފުޅުން ކޮމަންޑޫ ދާއިރާއަށް ވަޑައިގެން ކެމްޕޭން ހަރަކާތްތަކުގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅޭ އެ ދާއިރާގެ މީހުންނާ ބައްދަލުކުރުމަށް ޑޯޓުޑޯ ހަރަކާތް ވެސް ވަނީ ހިންގައިފަ އެވެ.