ކޮމަންޑޫ ދާއިރާގައި އަދިވެސް ފުރިހަމަ ނުވެ ކަންކަން އެބަހުރި ކަމަށާއި، އެ ދާއިރާއަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ހަންނާން އިދުރީސް ހޮވައިދީގެން އެ ކަންކަން ހާސިލުވާނެ ކަމަށް ޕާޓީގެ ރައީސް، ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނު ނިންމުމުގެ ގޮތުން ދާއިރާގެ ރައްޔިތުންނަށް ދެއްވި ހާއްސަ މެސެޖެއްގައި ނާޒިމް ވިދާޅުވީ މާދަމާ ގޮތް ނިންމާ ގޮތުން ރައްޔިތުންނަށް އުފާފާގަތި ނުވަތަ މާޔޫސްކަމެއް ވެސް އައިސްދާނެ ކަމަށެވެ.
އެހެންކަމުން ގޮތެއް ނިންމާއިރު ރަގަޅު ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނާޒިމް ދާއިރާގެ ރައްޔިތުންގެ ކިބައިން އިލްތިމާސްކުރެއްވި އެވެ.
ދާއިރާގައި އަދިވެސް އަސާސީ ކަންކަން ފުރިހަމަ ނުވެ ހުރިކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، ފެނާ ނަރުދަމާގެ ކަންކަން ވެސް ފުރިހަމަ ނުވާ ކަމަށެވެ. ދާއިރާގައި ހުރި މުހުތާދުތައް ފިލުވަން ހަންނާން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ހަންނާނަކީ ތައުލީމީ ދާއިރާގައި 30 ދުވަހު މަސައްކަތް ކުރެއްވި ގާބިލް ބޭފުޅެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ހަންނާން ހޮވައިދީފިނަމަ ދާއިރާއަށް ކުރިއެރުމާއި އުފާފާގަތިކަން އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 8:00 ގަ އެވެ.