ދުބާއީ

ދުބާއީގެ ވެރިޔާ ރާއްޖޭގެ ޕެވިލިއަނަށް ޒިޔާރާތްކުރައްވައިފި

Oct 25, 2021

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ދުބާއީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯގައި ބަހައްޓާފައި ހުރި ރާއްޖޭގެ ޕެވިލިއަން އަށް މިއަދު ހަވީރު ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވައިފި އެވެ.

ދުބާއީގެ ވެރިޔާ އަށް ރާއްޖޭގެ ޕެވިލިއަން އިން މަރުހަބާ ދެންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހްމަދާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު އެވެ.

އެކްސްޕޯގައި ރާއްޖޭގެ ޕެވިލިއަން ގާއިމުކޮށްފައި ހުރީ އެކްސްޕޯގެ ސަސްޓެއިނަބިލިޓީ ޑިސްޓްރިކްޓްގަ އެވެ.

ރާއްޖޭގެ ޕެވިލިއަން ހަދާފައިވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ތާރީހާއި، ސަގާފަތާއި، ގުދުރަތީ ދިރުންތަކާއި، ކެއުންތަކާއި އަދި ދިވެހި ފަންނުތައް ވިޒުއަލް އާޓްސްގެ ޒަރީއާ އިން ތަޖުރިބާ ކުރެވޭ ގޮތަށެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކޮށް އުއްމީދީ މުސްތަގުބަލަކަށް އެދި ޒަމާނުއްސުރެ އަދި މިހާރުވެސް ރާއްޖެއިން ވަކާލާތު ކުރަމުންގެންދާ މަސައްކަތްތައްވެސް ރާއްޖޭގެ ޕެވިލިއަންގެ ތީމުގެ ތެރޭގައި ހިމަނާފައިވެ އެވެ.

އެކްސްޕޯ ކުރިއަށްދާއިރު ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ރާއްޖޭގައި ހުރި އިންވެސްޓްމަންްޓް ފުރުސަތުތައް ބުނެދިނުމަށް ވެސް ސަރުކާރުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދުނިޔޭގެ 190 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ ވޯލްޑް އެކްސްޕޯގައި މިއަދަކީ ރާއްޖެ އަށް ހާއްސަކޮށްފައިވާ ދުވަހެކެވެ.

ދުބާއީ އެކްސްޕޯއަށް ޖުމްލަ 25 މިލިއަން މީހުން ޒިޔާރަތްކުރާނެ ކަމަށް ބެލެވޭއިރު އޭގެތެރެއިން 70 ޕަސަންޓް މީހުންނަކީ ބޭރު ގައުމުތަކުގެ މީހުންނަށް ވާނެ ކަމަށް އެކްސްޕޯ އިންތިޒާމު ކުރާ ފަރާތްތަކުން ލަފާ ކުރެ އެވެ.