އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

އޭއީއެޗްގައި އީއެންޓީގެ އޮޕަރޭޝަންތައް ކުރަން ފަށައިފި

Oct 26, 2021

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ކަރުން މަތީގެ -- އީއެންޓީގެ ހާއްސަ އޮޕަރޭޝަންތައް ކުރަން ފަށައިފި އެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ އިން ފެށިގެން އީއެންޓީ އޮޕަރޭޝަންތައް ކުރަން ފެށުމާ ގުޅިގެން ޓޮންސިލް، އެޑަނޮއިޑް އަދި ލޮލުގެ އާންމު އޮޕަރޭޝަންތަކާއި ތައިރޮއިޑް އޮޕަރޭޝަން ވެސް ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަލަށް ފެށުނު ހިދުމަތާ އެކު ހޮސްޕިޓަލަށް އިތުރު ކުރިއެރުންތައް ލިބި ދެކުނުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭއީއެޗްގައި އީއެންޓީގެ ހާއްސަ އޮޕަރޭޝަންތައް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާނީ އެ ދާއިރާގައި 21 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޑރ. އައިޝަތު އަލީ އާއި އެ ދާއިރާގައި މަސައްކަތް ކުރައްވާތާ 12 އަހަރު ވެފައިވާ ޑރ. ޑިޕެންޑުރާ ގައުތަމް އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އައްޑޫގައި ހެދި ކޮންވެންޝަން ސެންޓަރު ބޭނުން ނުކުރެވި ހަލާކުވާން ފެށުމުން އެތަނުގައި ޓާޝަރީ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެެވެ. އެ މަސައްކަތް ނިންމާ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެތަން ހުޅުވާ ހިދުމަތް ދޭން ފެށީ މިސަރުކާރުންނެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ޓާޝަރީ ހޮސްޕިޓަލަކުން ލިބޭ މުހިއްމު ހިދުމަތްތަކެއް ވެސް މިހާރު ވެސް ފޯރުކޮށްދެމުންދެ އެވެ.