ހިންމަފުށީ

އިންޑިއާ ސިފަައިން ބާލަން ގޮވާލާ ހަރަކާތެއް ހިންމަފުށީގައި

Oct 26, 2021

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ތައްޔާރުކުރަމުންދާ ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތެއް ކ. ހިންމަފުށީގައި ފަށައިފި އެވެ.

މި ޕެޓިޝަނަކީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހާއްސަ ކެމްޕޭންގެ ދަށުން ތައްޔާރުކުރާ ޕެޓިޝަނެކެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ހިންމަފުށީގައި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ކޮންމެ ގެއަކަށް ވަކިވަކިން ގޮސް ރަށުގެ ވީހާވެސް ގިނަ ރައްޔިތުންގެ ސޮއި ލިބޭ ގޮތަށް ކަމަށެވެ.

ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވެސް މިއަދު ހަވީރު ހިންމަފުށްޓަށް ވަޑައިގެން އެރަށުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

ރާއްޖޭގައި ގާނޫނާއި ހިލާފަށް ތިބި ކަމަށް ބުނަ އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުންނާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ.

ހީނާ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ތައްޔާރުކުރާ ޕެޓިޝަނަކީ ސީދާ އިންޑިއާ ސަރުކާރަށް ހުށަހަޅާ އެއްޗެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ އިދާރާތަކަށް އެ ޕެޓިޝަން ހުށަހަޅާ ގޮތަށް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ.

ވީހާ ވެސް ގިނަ ދިވެހި ރައްޔިތުން ޕެޓިޝަންގައި ސޮއި ކޮށްދީ ބޭރުގެ އެއްވެސް އަސްކަރިއްޔާއެއްގެ ބާރެއް ރާއްޖޭގައި ތިބުމަށް ދެކޮޅު ކަން ހާމަކޮށްދިނުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފަ އެވެ.