އިސްލާމިކް މިނިސްޓްރީ

ދެވަނަ ފިޔަވަހީގައި ވަގުތީ ދެވަނަ މިސްކިތެއް އަޅަން ބަޔަކު ހޯދަނީ

Oct 26, 2021
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެވަނަ ވަގުތީ މިސްކިތެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ މެންދުރުފަހު 2:00ގެ ކުރިން އީމެއިލް އަކުން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ.

އިއުލާންގައިވާ ގޮތުން ބީލަން ހުށަހެޅުމަށް ފުރުސަތު ލިބޭނީ ރަޖިސްޓްރީވުމަށްފަހު މި މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.

މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އިސްލާމިކް މިނިސްޓްރީގަ އެވެ.

ބީލަން ހުށަހެޅުން އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 11:30 ގައި އިސްލާމިކް މިނިސްޓްރީގަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އެޅުމަށް މިދިޔަ މަހުގެ 15ގައި ވެސް ބަޔަކާ ހަވާލުކޮށްފައިވެ އެވެ.

ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެ މަސައްކަތް ހަވާލުކުރަނީ 80 ދުވަސް ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމުމަށެވެ.

ވަގުތީގޮތުން ހަދާ ފުރަތަމަ މިސްކިތުގައި 450 މީހުންގެ ޖާގަ އޮންނައިރު އެ މިސްކިތަށް 4.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.