ލައިފްސްޓައިލް

އަންހެނުން ކިބައިން ސަލާމަތްވާން ޖަލަށް ލާދޭން އެދިއްޖެ

އިޓަލީގެ ފުލުހުން ކައިރީގައި މީހަކު ވަރަށް އާދަޔާހިލާފު ކަމަކަށް އެދެފި އެވެ. މަސްތުވާތަކެތީގެ އެތައް މައްސަލައެއްގެ ތުހުމަތުގައި ގޭބަންދުގައި ބަހައްޓާފައި ހުރި މި މީހާ އެދުނީ އޭނާ ޖަލު ބަންދަށް ގެންދިއުމަށެވެ.

މި މީހާ ގޭބަންދުގައި ބަހައްޓާފައި ހުރީ އޭނާގެ އަންހެނުންނާއެކު ދިރިއުޅެމުންދިޔަ ގޭގަ އެވެ. މި ގޭގައި އެމީހުން ދިރިއުޅޭތާ ތިން މަހެއްހާ ދުވަސް ވެފައި ވަނިކޮށް ފިރިހެންމީހާ މިގޮތަށް ފުލުހުން ކިބައިން އެދުނީ އަންހެނުންގެ އުނދަގުލާ ހެދި އެ ގޭގައި އުޅެވެން ނެތިގެން ކަމަށް ވެއެވެ.

ގޭ ބަންދުގައި ހުރުމުން އެހެން ތަނަކަށް ދެވޭނެ ގޮތެއް ނެތިފައި ހުރި އަލްބޭނިއާގެ އުމުރުން 30 އަހަރުގެ މި މީހާ މި ހިނގާ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ކުއްލިއަކަށް އޭނާ ހުންނަ ރަށުގެ ޕޮލިސް ސްޓޭޝަނަށް ދިޔަ އެވެ. އަދި އޭނާ ގޭ ބަންދުން ޖަލު ބަންދަށް ބަދަލު ކޮށްދިނުމަށް އެދުނެވެ.

އަންހެނުންނާ އެއް ގެއެއްގައި އެންމެ ހިނދުކޮޅަކަށް ވެސް ދެން ނުހުރެވޭނެ ކަމަށް އޭނާ ފުލުހުން ކައިރީގައި ބުނި ކަމަށް ވެއެވެ.
އަންހެނުން އުނދަގޫ ކުރާވަރުން ކެތް ނުވެގެން އެމީހާ އޭނާގެ ކިބައިން ސަލާމަތް ވާން އަމިއްލައަށް ޕޮލިސް ސްޓޭޝަނަށް ދިޔައީ އިތުރަށް ކުށްވެރިވާނެކަން އެނގި ހުރެ ކަމަށާއި ބާކީ ދުވަސްތައް ޖަލުގައި ބަހައްޓައި ދޭން އެމީހާ އެދުނު ކަމަށް ވެއެވެ.

"އަހަރެންގެ ގޭގައި ދިރިއުޅުމެކޭ ނަރަކައިގައި އުޅުމެކޭ އެއްވަރު. އަހަންނަކަށް ދެން އިތުރަކަށް ގޭގައި މަޑުކޮށްގެން ކެތެއް ނުވާނެ. އަހަރެން ޖަލުގައި ބަހައްޓައިދީ،" އެމީހާ ފުލުހުން ކިބައިން އެދުނު ކަމަށް ވެއެވެ.

ކަން ދިމާކުރި ގޮތުން އޭނާ ގޭބަންދުގައި ހުރެފައި ނުކުމެގެން އައުމުން ކުށްވެރިވާތީ ވަގުތުން ހައްޔަރުކޮށް އޭނާ އެދުނު ގޮތަށް ޖަލަށް ފޮނުވާފައިވާ ކަމަށް އަލްބޭނިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.