ލައިފްސްޓައިލް

ގެއްލުނު ބޭބެ 24 އަހަރު ފަހުން އައިސް ހަމަަލަ ދީފި!

އިޓަލީ މީހަކު އޭނާގެ ބޭބެ ގެއްލިގެން ހޯދާތާ 24 އަހަރު ފަހުން ބޭބެ އާ ބައްދަލުވުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް އެ ބައްދަލުވުން ދިޔައީ އޭނާ ވެސް އަދި އެހެން މީހުން ވެސް އުންމީދުކުރި ގޮތަކަށް ނޫނެވެ. ގެއްލުނު ބޭބެ އަލުން އަނބުރާ ގެއަށް އައިސް ވަނުމަށް ފަހު ކޮއްކޮއަށް ހަމަލަދީ އޭނާ ވަނީ ޒަޚަމް ކޮށްލާފަ އެވެ. އަދި މިހާރު ހޮސްޕިޓަލުގެ ބަލި އެނދުގައި އެ ކޮއްކޮ ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.

ދަ ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މާޓިން ރަބަންސާ، 35، އަށް ހޭލެވުނުއިރު އޭނާގެ ބޭބެ އިވޯ، 42، އޭނާއާ ދިމާލަށް ބޮޑު ވަޅިއެއް ހިފައިގެން އަންނަ ތަން ފެނުނެވެ. އަދި ބޭބެ އައިގޮތަށް އައިސް އޭނާ އަށް ހަމަލަ ދިނީ އެވެ.

މާޓިންގެ ވަކީލު ނިކޯލާ ނެޓިސް ކޯޓުގައި ބުނި ގޮތުގައި ބޭބެ ގެއްލުނުތާ 24 އަހަރު ފަހުން ފެނުމުން މާޓިން އަށް އެއީ އޭނާގެ ބޭބެކަން ނުވެސް އެނގުނެވެ. އެހެންވެ އޭނާއަށް ހަމަލާ ދިން މީހާއާ ދިމާލަށް "ތީ ކާކުހޭ؟"، "ކޮންކަމެއް ހޭ ބޭނުމީ؟" ސުވާލު ކުރި އެވެ.

"ނޭނގުނު ހެއްޔޭ؟ މިއީ ކަލޭގެ ބޭބެއޭ!" މާޓިން އާ ދިމާލަށް އީވޯ ބުނި ކަމަށް ވެއެވެ.

އިޓަލިއަން އަލްޕްސްގެ ސެލްވާ ޑި ވަލް ގާޑެނާގައި ހުންނަ މި ގޭގައި މާޓީން އާއި އީވޯގެ މެދުގައި އެ ދުވަހު ހިނގި ކުރިމަތިލުމަކީ 24 އަހަރު ކުރިން އީވޯ ގެއިން ނުކުމެގެން ދިޔަ ފަހުން އެ ދެބެން ބައްދަލުވީ ފުރަތަމަ ފަހަރެވެ. އުމުރުން 18 އަހަރުގައި އީވޯ ގެއިން ނުކުމެގެން ދިޔައީ އެމީހުންގެ ބައްޕަ މަރުވުމާ ގުޅިގެންނެވެ.

"އެއް ތިއަރީ އެއް ބުނަނީ މާޓިން ދެކެ އީވޯ ރުޅިއައިސްގެން އުޅެނީ ބައްޕަގެ މުދަލާއި ޚާއްސަކޮށް މާޓިން ދިރިއުޅެމުން ދިޔަ ގޭގެ ވާރުތައިގެ މައްސަލައިގައި. އެގޭގައި މާޓިން ދިރިއުޅޭތީ އީވޯ އެކަމާ ހިތްހަމަނުޖެހުނީހެން ހީވަނީ،" މާޓިންގެ ވަކީލު ބުންޏެވެ.

ވަކީލު ބުނި ގޮތުގައި މިކަހަލަ ވާރުތަ މުދަލުގެ މައްސަލަތައް ގިނަ މީހުން ހައްލުކުރަނީ ކޯޓުންނެވެ. އެތައް އަހަރެއް ވަންދެން ފިލައިގެން އުޅެފައި ކުއްލިއަކަށް އައިސް އަނެއްމީހާގެ ފުރާނަ ދުއްވާލަން މަސައްކަތް ކޮށްގެނެއް ނޫނެވެ.

އީވޯ ގެއްލުނީ 1997 ގައެވެ. އޭނާ ގެއްލުމާ ގުޅިގެން އާއިލާގެ މީހުން އޭނާ ހޯދަން ވަރަށް މަސައްކަތް ކުރި އެވެ. ޓީވީ އަށް އަރާ ވެސް އެމީހުން އީވޯ ފެނުނު މީހަކު އެކަމާ ގުޅޭ މައުލޫމާތު ދޭން ވެސް އިލްތިމާސް ކޮށްފައި ވެއެވެ. ނަމަވެސް އޭގެ ފަހުން 24 އަހަރު ފާއިތުވީއިރުވެސް އީވޯގެ ޚަބަރެއް އާއިލާއަކަށް ނުވެ އެވެ.

ފުލުހުންގެ ހޯދުންތަކުން ދައްކާ ގޮތުގައި ފާއިތުވީ އަހަރުތަކުގައި އީވޯ ދިރިއުޅުނީ ވެރޯނާ ކިޔާ ރަށެއްގައި ވަރަށް ދަތި ހާލުގަ އެވެ. މަގުމަތީގައި ނިދާ، ކައިބޮއި ހަދައިގެންނެވެ. އަދި ޕާޓް-ޓައިމް މަސައްކަތެއް ކޮށްލައިގެން އާމްދަނީ ހޯދުމުގެ އިތުރުން އީވޯ ގިނަ ވަގުތު ހޭދަކޮށްފައިވަނީ ލޯކަލް ލައިބްރަރީގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ލައިބްރަރީގައި ގިނަ ވަގުތު ފޮތް ކިއުމުގެ ހޭދަކުރުމުގެ ސަބަބުން އޭނާގެ ލިޓްރޭޗާއަށް ވަރަށް މޮޅު ކަމަށް ވެއެވެ.

އީވޯ އެނބުރި އޭނާގެ ރަށަށް އައިސް ޖަންގަލި ތެރޭގައި ކޭމްޕް ޖަހައިގެން އޭނާގެ ކޮއްކޮއަށް ފާރަލަމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް މި ރިޕޯޓުގައި ވެއެވެ.

މާޓިން އާއި އަންހެނުން އަދި އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ދިރިއުޅޭ ގެޔަށް އީވޯ ވަނީ ބޮޑު ދެ ވަޅި ދެ އަތުން ހިފައިގެންނެވެ.
މާޓިން ނިދާފައި އޮއްވާ ގެޔަށް ވަދެގެން ގޮސް އެންމެ ފުރަތަމަ ވެސް އީވޯ ކުރިކަމަކީ މާޓިން އަށް ގޮވާ ހޭލެއްވީ އެވެ. އަދި މެޔަށް ހަމަލަ ދިނީ އޭނާ ކައިރީގައި އެއީ އޭނާގެ ބޭބެކަމަށް ބުނެފަ އެވެ. ވަޅިން ހަމަލާ ދިނަސް މާޓިން މަރާ ނުލާ ދޫކޮށްލާފައި ވަނީ ވެސް ގަސްތުގައި ކަމަށް ވެސް މާޓިންގެ ވަކީލު ބުންޏެވެ.

މި ހަމަލައިގެ ހަގީގީ ސަބަބެއް އަދި ނޭނގެ އެވެ. އަދި ހަމަލައިގެ ސަބަބުން މާޓިންގެ ފުއްޕާމެޔަށް ގެއްލުން ވިޔަސް އޭނާގެ ފުރާނައަށް ގެއްލުންވާ ވަރުގެ ނުރައްކަލެއް މިހާރު ނެތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އެ ނޫހުން ބުނެފައި ވެއެވެ.