ސައުދީ ޢަރަބިއްޔާއިން ޕާކިސްތާނަށް 4.2 ބިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އެއްބަސް ވެއްޖެ އެވެ. އެއީ ޕާކިސްތާނަށް އިގުތިސޯދީ ގޮތުން ދިމާވެފައި ހުރި ދަތިތަކުން އަރައިގަނެ ގައުމުގެ މަސްލަހަތު ހަމަޖެއްސުމަށެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން ޕާކިސްތާނަށް ކުރިމަތިވި ދަތިތައް ހަމަޖެއްސުން ވެސް އެހީގެ ވައުދުގައި ވެއެވެ. ޕާކިސްތާންގައި ވެސް ކޮވިޑް ތައްކަތުކުރުމަށް ޓަކައި ވިޔަފާރިތައް ބަންދުކޮށް މީހުން ހިނގާބިނގާވެ އުޅުން މަނާކުރި އެވެ.
ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޕާކިސްތާނުގެ މަރުކަޒީ ބޭންކަށް ތިން ބިލިއަން ޑޮލަރު ޖަމާކުރަން ރަސްގެފާން އޮތީ ނިންމަވާފަ އެވެ.
އެސްއެފްޑީ ބުނިީ ޕާކިސްތާން ސަރުކާރަށް ވެދޭ އެހީއަކީ ބޭރު ފައިސާގެ ރިޒާވް ޕާކިސްތާންގައި ވަރަށް ބޮޑަށް ދަށްވެފައި ވާތީ ވެދޭ އެހީއެއް ކަމަށެވެ. އަދި ގައުމުން ބޭރުން ކުރަން ޖެހޭ ވިޔަފާރި މުއާމަލާތްތަކަށް ހުރަސްއެޅި އާންމުގެ ދިރިއުޅުގެ ހާލަތު ރަނގަޅުކުރުމަކީ މަގުސަދު ކަމަށެވެ.
ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓްއިން ބުނީ ޕާކިސްތާނަށް ބޭނުންވާ ތެލަށް ޚަރަދުކުރަން 1.2 ބިލިއަން ޑޮލަރު އަހަރު ދުވަހަށް ބަހާލައިގެން ހޭދަކުރަން ޝާހީ އަމުރެއް އޮތް ކަމަށެވެ. އެހެންކަމުން ސައުދީން ޕާކިސްތާނަށް ދޭ އެހީގެ ޖުމްލަ 4.2 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ.
ސައޫދީގެ މިދީލަތި އެހީ ކަށަވަރުކޮށްދެނީ ޕާކިސްތާނުގެ އިގުތިސޯދަށް އެހީތެރިވުމުގައި ސައުދީ އަރަބިއްޔާ ދެމި އޮތްކަން ކަމަށް އެސްއެފްޑީގެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ތަރައްގީގެ އެހީތެރިކަން ފޯރުކޮށްދޭ ސަޢޫދީ ސަރުކާރުގެ އޭޖެންސީއެކެވެ. އާންމުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވުމަކީ އެސްއެފްޑީން އާންމުކޮށް ކުރާ ކަމެކެވެ.