ދުނިޔެ

ސައޫދީ އަރަބިއްޔާ ހުރިހާ އެއާޕޯޓެއް ޕްރައިވެޓައިޒް ކުރަނީ

ސައޫދީ އަރަބިއްޔާގެ 22 އެއާޕޯޓެއް ޕްރައިވަޓައިޒް ކުރަން ނިންމައިފި އެވެ. މިއީ ސައުދީން ހާސިލް ކުރަން ކަނޑައަޅާފައި އޮތް ވިޝަން 2030 ގެ ތަސައްވުރެކެވެ. އުންމީދަކީ 300 މިލިއަން މީހުނަށް އެއާޕޯޓްތަކުން ހިދުމަތް ދެވޭވަރު ކުރުމެވެ.

ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ވެރިޔާ، އަބްދުލްއަޒީޒް ދުވައިލަޖް ވިދާޅުވި ގޮތުން ސައޫދީގެ އުންމީދަކީ އެއާޕޯޓްތައް ހިންގުން ގާބިލު ކުންފުނިތަކަކާ ހަވާލު ކުރުމަށް ފަހު ސަރުކާރުގެ އިދާރާތަކުން ބެލެނިވެރިއެއްގެ ދައުރު އަދާ ކުރުމެވެ.

ދުވައިލަޖް ވިދާޅުވި ގޮގުތައި އެއާޕޯޓްތައް ޕްރައިވަޓައިޒް ކުރަން ވިސްނާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް އަދި ކިރިޔާ އަމަލީ މަސައްކަތްތައް ފެށުނީ އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓްތައް ހިންގަން ޖެހޭ ގަވާއިދާއި ފެންވަރު ކަނޑައަޅާނީ ސަރުކާރުގެ މުއައްސަސާތަކުން ކަމަށާއި ހިންގުމުގެ ބައި ކުރިއަށް ގެންދާނީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ކަމަށެވެ.

އެއާޕޯޓްތައް ހިންގަން ހަވާލުކުރާ ކުންފުނިތަކަށް ޝަރުތު ކަނޑައެޅުމާއި ހުރި ގާބިލްކަން އަދި ކަނޑައެޅޭ ވަކި މުއްދަތެއްގައި ނެރެވޭނެ ނަތީޖާ، އޭގެ ތެރޭގައި ފައިދާވެސް ހިމެނޭ ގޮތުން، ބަލައި ކުންފުނިތައް ހޮވުމުގައި ސަރުކާރުން ސީދާކޮށް ބައިވެރި ނުވާނެ ކަމަށް ދުވައިލަޖް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހުރިހާ ކަމެއް ކުރާނީ ޕަކްލިކް އިންވެސްޓްމަންޓް ފަންޑްގެ ޕްރައިވަޓައިޒިން ބޯޑުން ކަމަށެވެ. އަދި ވިދާޅުވީ ބޯޑުގައި އެއާޕޯޓްގެ ބެލެނިވެރިން ވެސް ހިމެނޭ ކަމަށެވެ.