ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި މުޅިން އާ އެއާޕޯޓެއް -- ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓް އަޅަނީ އެވެ.
މި މަޝްރޫއުގެ މާސްޓާ ޕްލޭން ތައާރުފު ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ވަލީއަހުދު އަދި ސައޫދީގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ވިދާޅުވި ގޮތުގައި އެއާޕޯޓްގެ ނަން ޚާއްސަކޮށްފައި ވަނީ އެ މަނިކުފާންގެ ބާއްޕާފުޅު -- ސައޫދީ ރަސްގެފާން، ސަލްމާން ބިން އަބްދުލްއަޒީޒް އައްސައޫދު އަށެވެ.
ސައޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) ބުނާ ގޮތުން ދުނިޔޭގެ އެންމެ ބިޔަ އެއާޕޯޓްތަކުގެ ތެރޭގައި ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓް (ކޭއެސްއައިއޭ) ހިމެނޭނެ އެވެ.
ސައޫދީއަށް މިވަރުގެ އެއާޕޯޓެއް ބޭނުންވާ ސަބަބު ކަމަށް ބުނަނީ ބިމު އަޑިން ނަގާ ތެލުން ލިބޭ އާމްދަނީގެ ބަދަލުގައި ސައޫދީއަށް އާމްދަނީ އިތުރުކުރުމަށް ޓަކައި ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމަށް ކަމަށެވެ.
ކޭއެސްއައިއޭ ތަސައްވުރުގައި އޮތް އަނެއް ވިސްނުމަކީ ދުނިޔޭގެ އެންމެ ބާރުގަދަ 10 އިގުތިސޯދުގެ ތެރޭގައި ސައޫދީ ހިމެނުމާއި 2030 ލައިގަތުމުގެ ކުރިން ރިޔާޒުގެ އާބާދީ 15-20 މިލިއަނަށް އިތުރުކުރުމެވެ.
ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓް ބިނާކުރަނީ ފުރަތަމަ ފިޔަވަހީގައި 2030 އާ ހަމައަށް 120 މިލިއަން ދަތުރުވެރިންނަށް ޚިދުމަތްދެވޭ ފެންވަރަކަށް ކަމަށް އެސްޕީއޭ އިން ބުނެ އެވެ.
މި އަދަދު 185 މިލިއަން ދަތުރުވެރިންނަށް އިތުރުކުރުމަށް 2050 ލައިގަތުމުގެ ކުރިން ޖާގަހެދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސައޫދީ ޚަބަރުތައް ބުނާ ގޮތުން މި އެއާޕޯޓުން ސައޫދީގެ އިގުތިސާދަށް އަރަހަކު 7.8 ބިލިއަން ޑޮލަރު ވައްދާނެ ކަމަށް ބެލެވެ އެވެ. އެއާޕޯޓާ ގުޅިގެން 103،000 ވަޒީފާ އުފެދޭނެ ކަމަށް ވެސް ޚަބަރު އޭޖެންސީން ބުނެ އެވެ.
ކޭއެސްއައިއޭ ބިނާކުރަނީ 57 އަކަކިލޯމީޓަރު ސަރަހައްދެއްގަ އެވެ. ބުނެވޭ ގޮތުގައި މި އެއާޕޯޓްގައި ޖެހިޖެހިގެން ހަ ރަންވޭ އޮންނާނެ އެވެ. އަދި މިއީ ދުނިޔޭގެ ބާރުގަދަ ވިޔަފާރި ނާރެހަކަށް ވާނެ ކަމަށް ވެސް ބުނެވެ އެވެ.
އެސްޕީއޭ ބުނާ ގޮތުން މުޅި އެއާޕޯޓަކީ ވިޔަފާރި މަރުކަޒެކެވެ. އެއާޕޯޓާ އިންވެގެން މީހުން ދިރިއުޅޭ ސަރަހައްދެއް ގާއިމުކުރުމާއި، މީހުން އެއްވެ ސައްލާކޮށް ކުޅިވަރު ކުޅުމަށް ވެސް ބޮޑު ޖާގައެއް އޮންނާނެ ކަމަށް ވެއެވެ.
ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓްގެ އިމާރާތް ޑިޒައިންކުރަން ގަސްދުކޮށްފައި އޮތީ އަރަބި އަދި ސައޫދީ ވަންތަކަމަށް އިސްކަން ދީގެންނެވެ. އެއާޕޯޓްގައި މުޅިން ވެސް ބޭނުންކުރެވޭނެ ކަމަށް ވަނީ އިއާދަކުރެވޭ ހަކަތައިގެ ނިޒާމްތަކެކެވެ.