ދުނިޔެ

ސައޫދީން ބޮއިން މަރުކާގެ 80 މަތިންދާބޯޓް ގަންނަނީ

ސައޫދީ އަރަބިއްޔާ އާއި އެމެރިކާގެ މަތިންދާބޯޓް އުފައްދާ ކުންފުނި، ބޮއިންއާ ދެމެދު ބިޔަ ޑީލެއްގައި ސޮއިކޮށްފި އެވެ.

މި ޑީލުގެ ދަށުން ބޮއިންއިން ސައޫދީއަށް ޑްރީމްލައިނާގެ 80 މަތިންދާބޯޓް ވިއްކާނެ އެވެ.

ސައޫދީން އަލަށް އުފައްދާ ގައުމީ އެއާލައިން، ރިޔާޒް އެއާ އާއި ސައޫދީ އެއާގައި ބޭނުކުރުމަށް ފުރަތަމަ ފިޔަވަހީގައި 80 ޑްރީމްލައިނާ ގަތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު 40 ޑްރީމްލައިނާ ގަތުމަށްވެސް ބޮއިން އާއެކު ވަނީ އެއްބަސްވެފަ އެވެ.

އެހެންކަމުން މި ދެ އެއާލައިނަށް ބޭނުންވާ ބޯޓްތައް އަދަދު ހަމަކޮށް ނިމޭއިރު 121 އަށް އަރާނެ އެވެ.

މި ޑީލުތަކުގެ ޖުމުލަ އަގަކީ 37 ބިލިއަން އެމެރިކާ ޑޮލަރެވެ.

ބޮއިން ކުންފުނީގެ އޮފިޝަލަކު ވޯލް ސްޓްރީޓް ޖާނަލަށް ބުނި ގޮތުގައި، ސައޫދީއަށް ބޭނުންވާ މަތިންދާބޯޓްތައް އުފެއްދުމަށް އިތުރު ވަޒީފާ އުފައްދާނެ އެވެ. އަދި ވަޒީފާތަކުން އެމެރިކާ އަށާއި ސައޫދީއަށް ވެސް އޭގެ ފައިދާކުރާނެ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ކަރީން ޖޯން-ޕިއާ ވެސް ވަނީ ބޮއިންއިން ހެދި ޑީލްގެ ސަބަބުން 140،000 އަށް ވުރެ ގިނަ ވަޒީފާ އެމެރިކާގައި މުޅިން އަލަށް އުފެދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސައޫދީ އަރަބިއްޔާއަށް ތެޔޮ ނޫން ވަސީލަތަކުން އާމްދަނީ ހޯދުމަށް ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ހުންނެވީ އަމާޒު ހިއްޕަވާފަ އެވެ. މި ގޮތުން ޓޫރިޒަމާއި ދަތުރުފަތުރަށް ބޭނުންވާ ވަސީލަތްތައް އުފައްދައި -- ސައޫދީ އަރަބިއްޔާ މުޅި ދުނިޔެއަށް ހުޅުވާލެއްވުމަށް ވަނީ ނިންމަވާފަ އެވެ.

ސައޫދީގައި ބޮޑެތި އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލާއިރު ކުރިމަތީގައި ހުރި ދަތިތައް ނައްތާލުމަށް ޒަމާނީ ބިނާތަކާއި އެއާޕޯޓްތައް ބިނާކުރުން ވެސް އޮތީ އެޖެންޑާކޮށްފަ އެވެ.