މުހައްމަދު ނާޒިމް

އެމްއެންޕީން ގައުމީ ފިކުރެއް ދިރުވާނެ: ނާޒިމް

ދިވެހިރާއްޖޭގައި ގައުމީ ފިކުރެއް ދިރުވާ، ރައްޔިތުންގެ ހިތްތަކުގައިވާ ނުތަނަވަސްކަން ފިލުވާލުމަށް މަސައްކަތް ކުރާނެ ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަޖިލީހުން އެމްއެންޕީ މިއަދު ބަލައިގަނެ އެކަން އިއުލާންކުރުމާ ގުޅިގެން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެއްދީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލައި ދިވެހި ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތް ކުރުމުގެ ހެޔި ނިޔަތުގައި ކަމަށެވެ.

"މި ޕާޓީ މި މަޖިލީހުގައި ރެކޮގްނައިޒް ކޮށްދެއްވި ކަމަށްޓަކައި މަޖިލީހުގެ އިއްޒަތްތެރި ރައީސަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި އަޅުގަނޑުމެންނާ އެކީގައި މި ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި މަސައްކަތް ކޮށްދެއްވި ހުރިހާ ދިވެހި ރައްޔިތުންނަށް މިއަދު މިފުރުސަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީ ދެ މަހާއި 12 ދުވަސް ތެރޭގައި ރަޖިސްޓްރީ ކުރެވުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަަސައްކަތުން ކަމުގައިވެސް ނާޒިމް ވިދާޅުވި އެވެ. އެގޮތަށް އެކަން ވެގެންދިޔައީ އެތައް ބައެއްގެ އުއްމީދުތަކެއް ހުރުމުން ކަމަށްވެސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި ގައުމީ ފިކުރެއް އާލާކޮށް ދިރުވާ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ހުރި ނުތަވަސްކަން ފިލުވުމަށްޓަކައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.

ކުރިން ޑިފެންސް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ނާޒިމް ވިދާޅުވީ މިއަދުން ފެށިގެން މަޖިލީހާއި އެހެންވެސް ފޯރަމްތަކުގައި ރައްޔިތުންގެ އިހްސާސްތަކާއި އެއްގޮތަށް އަޑުއުފުލައި ރައްޔިތުންގެ މުހުތާދުތައް ފިލުވާލުމަށް ކުރަންޖެހޭ ބުރަ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެދެދަރި ކޮއްކޮ އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހު އެވެ. އެޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ. އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއެންޕީ ރަޖިސްޓްރީކޮށް ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އެ ޕާޓީގެ ނަން އިލެކްޝަންސް ކޮމިޝަނުން ހިމެނީ މިދިޔަ ހޯމަ ދުވަހު އެވެ.