ހިޔާ މަޝްރޫއުގައު ހިމެނޭ އެމްޓީސީސީގެ ފުލެޓްތައް އަޅަން ހަވާލުކުރި ކުންފުންޏައް މަސައްކަތް ނުނިންމުމުން، އެއްބަސްވުން އުވައިލައި، 85 މިލިއަން ރުފިޔާގެ ބަދަލަކަށް އެދިއްޖެ އެވެ. އެމްޓީސީސީގެ ފްލެޓްތައް އަޅަން ހަވާލުކުރީ ސިންގަޕޫރުގެ އާރްއައި އިންޖިނިއަރިން އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެ މަސައްކަތް ސިންގަޕޫރު ކުންފުންނާއި ހަވާލުކުރީ މަސައްކަތްކުރާ ފަރާތުގެ ފައިސާއިން އެ މަސައްކަތް ކުރުމަށެވެ.
ނަމަވެސް ފައިސާ ލިބުމުގައި ކުރިމަތިވި ދަތިތަކުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވި ދިގުލައިގެން ދިޔައި ކަމަށެވެ. އަދި ފްލެޓަކުގެ މަސައްކަތް ލަސްވާތީ ސިންގަޕޫރު ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފާ ކަމަށެވެ. މަޝްރޫ ހަވާލު ކުރިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން އެއްބަސްވުން އުވައިލިއިރު ސިންގަޕޫރު ކުންފުނިން ނިންމިފައި ވަނީ 7.5 ޕަސެންޓް މަސައްކަތް ކަމަށެވެ.
"އެހެންވެ އެމްޓީސީސީގެ ބޯޑުގައި އެކަމާ މަޝްވަރާކުރުމަށް ފަހު އެ މަޝްރޫއު އެ ކުންފުނިން އަމިއްލައަށް ކުރިއަށްގެންދިއުމުގެ ވިސްނުން މިހާރު ގެންގުޅެނީ. މި މަޝްރޫއަށް މިހާތަނަށް އެމްޓީސީސީން 20 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވަނީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެއްބަސްވުން އުވާލި ތާރީހާ ހަމައަށް ނިންމިފައި ވަނީ ހަމައެކަނި ބިންގާ އެޅުމުގެ މަސައްކަތް ކަމަށެވެ. އެހެންވެ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 85 މިލިއަން ރުފިޔާ ހޯދުމަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.