ހިޔާ މަޝްރޫއުގެ ދަށުން ކުންފުނިތަކުން އެޅި ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތައް ކުންފުނީގެ މުވައްޒަފުންނަށް
ދޫކޮށް ބާކީވާ ފްލެޓްތައް ސަރުކާރުގެ ބޯހިޔާވެހިކަމުގެ މިންގަނޑަށް ފެތޭ ފްލެޓްތައް ސަރުކާރަށް ނެގުމަށްފަހު ދެން ހުރި
ފްލެޓްތައް މާކެޓުގައި ވިއްކާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން
ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށްގެންދާ ބޯހިޔާވެހިކަމުގެ މަޝްރޫއާ ގުޅޭ މައްސަލަ ސްޓޭޓް އޯންޑް އެންޓަޕްރައިސް (އެސްއޯއީ) ކޮމިޓީން ދިރާސާކުރުމަށް ފަހު އެކުލާވަލި ރިޕޯޓުގައި އެގޮތަށް ލަފާދީފައި އޮތުމުން ނެވެ.
ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމުން އިއްޔެ ފާސްކުރީ 32 މެމްބަރުންގެ ވޯޓާއެކު އެވެ.
ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ސޯޝަލް ހައުސިން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނީ އެކަމަށް ކަނޑައެޅިފައިވާ ކުންފުނިތަކުން އެކަންޏެވެ.
އަދި ހިޔާ މަޝްރޫއުގެ ދަށުން ކުންފުނިތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުން ދިމާވި ބޮޑެތި މައްސަލަަތައް ފާހަގަކޮށްފައި ވެއެެވެ.
ހާއްސަކޮށް ކުންފުނިތައް އުފައްދާފައިވާ މަގްސަދުގެ ބަދަލުގައި މުޅިން އެހެން ކަމަކަށް ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި ފައިސާ ހަރަދުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުގެ މަސައްކަތް ކުރުމުން ކުންފުނީގެ ކޭޝްފްލޯ ތާށިވެގެންދާކަމަށެވެ.
އޭގެ އިތުރުން ކުންފުނިތަކުގެ ދަރަނި ބޮޑުވެ، މުސްތަގުބަލުގައި ކުންފުނީގެ ލިކުއިޑިޓީ ރޭޝިއޯއަށް އަސަރު ފޯރައި، ކުންފުނީގެ ތަރައްގީގެ މަޝްރޫޢުތަކަށް ފައިނޭންސް ހޯދުމަށް ހުރަސް އެެޅިގެންދާ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭގޮތަށް ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްތައް އެޅުމަށް ހައުސިން
ޑިވޮލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ން 15 ފަރާތަކަށް ބިން ދޫކުރި އެވެ. ނަމަވެސް އޭގެ ތެރެއިން މަސައްކަތް ކުރިއަށްދަނީ އެންމެ ހަ ޕްރޮޖެކްޓެއް ކަަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައި ވެއެވެ.
މަޖިލީހުން ފާސްކުރި ނިންމުންތައް
- ކުރިއަށް އޮތްތާނގައި މިފަދަ އެއްވެސް ބޯހިޔާވެހިކަމުގެ މަޝްރޫޢެއް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ހަވާލު ނުކުރުން.
- ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުން އެ މަސައްކަތްކުރިޔަށް ގެންދިއުން.
- މުވައްޒަފުން ފްލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ ނުވަތަ ފައިނޭންސްކުރާނޭ ވީހާވެސް ލުއި ގޮތްތަކެއް ހޯދައިދިނުން.
- ފްލެޓްތައް ކުންފުނީގެ މުވައްޒަފުންނަށް ދޫކުރުމަށް ފަހު ބާކީވާ ފްލެޓްތައް ސަރުކާރުގެ ބޯހިޔާވެހިކަމުގެ މިންގަނޑަށް ފެތޭ ފްލެޓްތައް ސަރުކާރަށް ނަގައި ދެން ހުރި ފްލެޓްތައް މާކެޓުގައި ވިއްކާލުން.
- ފްލެޓް އެޅުމަށް ދޫކުރި ބިންތަކުގެ ތެރެއިން މަސައްކަތް ކުރިއަށް ނުދާ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ނެގުން.