އެޗްއާރްސީއެމް

އެޗްއާރުސީއެމްގެ ވެރިންނަށް މަޖިލީހުން ރުހުން ދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސްކަމަށް މަރިޔަމް މުނާ އަދި ނާއިބު ރައީސް ކަަމަށް ޑރ. އަހްމަދު އަދުހަމް އަބްދުﷲ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

އެ ދެ ބޭފުޅުން މަގާމަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ 12 ވަަނަ ދުވަހު އެވެ. އަދި އެ ދެ ބޭފުޅުންނަށް މަގާމަށް އައްޔަނުކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކުރީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް މިއަދު ނެގި ވޯޓުގައި މުނާއަށް 47 މެމްބަރުން އަދި އަދުހަމަށް 46 މެމްބަރުން ވޯޓު ދެއްވި އެވެ. އެ ދެ ބޭފުޅުން މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

އެޗްއާރްސީއެމްގެ ރައީސްއާއި ނާއިބު ރައީސް މަގާމަށް ބޭފުޅުން އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައި މިވަނީ އެ ދެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އެޗްއާރްސީއެމްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އައިމިނަތު އީނާސް މިދިޔަ އަހަރުގެ ޖުލައި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަދި ހަަމަ އެ މަހުގެ ތެރޭގައި އެޗްއާރުސީއެމްގެ ނާއިބު ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ޒާހިދު މަގާމުން ދުރުކުރި އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެޗްއާރްސީއެމް ހިންގީ މެމްބަރުންގެ އަދަދު ހަމަނުވެގެން ރައީސް އާއި ނާއިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަންނުކޮށެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ޑރ. އަހްމަދު އަދުހަމް އަބްދުﷲ އާއި މަރިޔަމް މުނާގެ އިތުރުން މޫމިނާ ވަހީދާއި އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގް އާއި ސަމާއު އަހްމަދު ނަޖީބް އެވެ. މީގެ ތެރެއިން ސަމާއު އައްޔަނު ކުރީ މިމަހުގެ ތިންވަނަ ދުވަހު އެވެ.