އާސަންދަ

ހާއްސަ އެހީ ބޭނުންވާ 10 ކުއްޖަކަށް ސަރުކާރުން ވަޒީފާދެނީ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އުފައްދަވާފައިވާ، ސޮދަގާތް ފައުންޑޭޝަންގެ އިސްނެގުމުގެ މަތިން އާސަންދަ މެދުވެރިކޮށް ހާއްސް އެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް ނިންމައިފި އެވެ.

އިއްޔެ ފާހަގަ ކުރި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހުގެ މުނާސަބަތުގައި އިއުލާން ކުރި މި މަސައްކަތާ ގުޅޭ ގޮތުން ސޮދަގާތް ފައުންޑޭޝަނުން ބުނީ އެ ޕްރޮގްރާމްގެ ދަށުން އާސަންދަ މެދުވެރިވެގެން 10 ކުއްޖަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ. އާސަންދައިން ބުނީ ފުރޮޅުލީ ގޮޑީގައި ތިބޭ ކުދިންނަށް ވެސް އަރައި ފޭބޭނެހެން ހެދުމުގެ ގޮތުން އެތަނުގައި މައި އޮފީސް ފެންބިލްޑިންގްގެ ތިން ވަނަ ފްލޯ އަށް ބަދަލުތަކެއް ގެންނަމުން ދާ ކަމަށެވެ. އެ ބަދަލުތަކާ އެކު އެ އޮފީހަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ރަށްޓެހި ތަނަކަށް ވާނެ ކަމަށް ބުންޏެވެ.

އެ ޖަމްއިއްޔާ އިން ބުނީ މި ކަމުގެ ސަބަބުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުފާވެރި ދުވަސްތަކެއް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މި ފުރުސަތުތަކުގެ ސަބަބުން އެފަދަ ފަރާތްތަކަށް މުޖުތަމައުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތަށް ބާރަކަށް ވާނެ ކަމަށް ވެސް އެ ޖަމްއިއްޔާއިން ދެކެ އެވެ.

ސޮދަގާތް ފައުންޑޭޝަނުން ބުނާ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް، ވަރަށް އަވަހަށް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާ އެކުވެސް އެއްބަސްވުންތަކަކަށް އާދެވޭނެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާ ހޯދައިދިނުމުގެ ޕްރޮގްރާމް ފުޅާ ކުރުމަކީ އެ ޖަމްއިއްޔާގެ އަމާޒެއް ކަމަށް ވެސް ބުންޏެވެ.

އާސަންދައިން އަންނަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބޭސްފަރުވާގެ ކަންކަން ހިލޭ ކޮށްދެމުންނެވެ. އާސަންދައިގެ ދަށުން ދޭ އިނާޔަތްތަކުގެ އިތުރަށް އަޑުއިވުމުގައި މައްސަލަ ހުންނަ އަށް ކުއްޖުއްގެ ކަންފަތް އޮޕަރޭޝަން ކުރުމަށް ހުސްނުވާ އާސަންދައިގެ ތެރެއިން ވަނީ އެހީވެފަ އެވެ.