ހއ. އުތީމުގެ ގިރާ ސަރަހައްދުން ގިނަ އަހަރުތަކެއް ވެފައިވާ ކަމަށް ބެލެވޭ އާސާރީ ވަޅެއް ފެނިއްޖެ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ވަޅަކީ ރާއްޖޭގައި އެންމެ ކުރީ ޒަމާނުގައި ވަޅުތައް ހަދާފައި ހުންނަ ގޮތަށް ހިރިގަލުން ވަރަށް ރީތިކޮށް ހަދާފައި ހުރި ވަޅެއް ކަމަށެވެ. ވަޅު ފެނުނީ ބޮޑުތަކުރުފާނު ތުއްޕުޅުއިރު ދޫނި ހިއްޕަވަން އުޅުއްވި ރަށުގެ ހުޅަނގު ފަރާތު ތުނޑިން ކަމަށެވެ.
"އަޅުގަނޑަށް ހަމަ ގަބޫލުކުރެވެނީ އުތީމު ގަނޑުވަރަށްވީ ދުވަހެއް އެ ވަޅަށް ވެސް ވާނެއޭ. ގާތްގަނޑަކަށް މަދުވެގެން 500 އަހަރުވެފައިވާނެ ކަމަށް ބެލެވެނީ. އެ ސަރަހައްދު މިހާރު ވާނީ މީހުންނަށް ނުވަދެވޭހެން ބަންދުކޮށްފައި. މީގެކުރިން ވެސް އެ ސަރަހައްދުން އެބަހުރި އާސާރީ ބައެއް ތަކެތި ފެނިފައި،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެކުރިން ވަޅު އެ ސަރަހައްދު ފެނިފައި ނުވަނީ އެއީ އާންމުކޮށް މީހުން ގޮސް އުޅޭ ސަރަހައްދަކަށް ނުވާތީ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށުން ބޮޑު ބައެއް ގިރާލުމުން ވަޅު އެ ސަރަހައްދުން ފާހަގަވީ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.
ވަޅު ފެނުމާއި އެކު މިއަދު ހެރިޓޭޖު މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ. އަދި އެ މިނިސްޓްރީން އަންގާ ގޮތަކަށް އުތީމު ކައުންސިލުން އަމަލުކުރާނެ ކަމަށާއި ނަމަވެސް ވަޅު ހުރި ތަނުގެ ގޮތުން ވަޅުގެ ސަލާމަތަށްޓަކައި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ހަލާކުވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
"ހެރިޓޭޖު މިނިސްޓްރީގެ ހުއްދަ ނެތި އިތުރަށް ވަޅާ ކުޅެ ހެދުމަކީ މަނާ ކަމަކަށް ވާނެތީވެ ވަޅުގެ ފުން މިނާ ގުޅޭގޮތުން މިވަގުތު އަދި އެއްޗެއް ބުނާކަށް ވެސް ނޭނގޭ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އުތީމު ރައްޔިތުންނަކީ އާސާރީ ތަރިކަ ހިމާޔަތް ކުރުމުގައި ނަމޫނާ ރަށެއް ކަމަށެވެ. އެހެންކަމުން މިއަދު ފެނުނު ވަޅު ވެސް ރައްކާތެރި ސަރަަހައްދަކަށް ބަދަލުކޮށް ރައްކާތެރިކަމާ އެކު އުތީމު ކައުންސިލުން އެ ވަޅު ބަލަހައްޓާނެ ކަމަށެވެ.