ޑރ. މުހައްމަދު މުއިއްޒު

ބޯންމެރޯ ހިލޭ ހެދޭނެގޮތް ހަދައިދޭނަން: މުއިއްޒު

ބޯންމެރޯ ޓްރާންސްޕްލާންޓް ހިލޭ ހެދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހއ. އުތީމަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ތެލަސީމިއާ ކުދިން ރާއްޖޭގައި ވަރަށް ގިނައިރު އެފަދަ ކުދިންނަށް ބޯންމެރޯ ހެދޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ނިޒާމުގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓުގެ މަސައްކަތް ސަރުކާރުން ހިލޭ ކޮށްދެވޭނެ ނިޒާމު އަޅުގަނޑުމެން ގާއިމުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒަކާތު ފަންޑުގެ ތެރެއިން ބައެއް ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައިވެ އެވެ.

މުއިއްޒު ވިދާޅުވީ މި ހިދުމަތް ސަރުކާރުގެ ތެރެއިން އަދި ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކުރެވެންޖެހޭ ކަމަށެވެ. ތެލަސީމިއާ ކުދިން ތިބޭ އާއިލާތަކުން ބޮޑެތި ތަކްލީފްތަކެއް އުފުލަމުންދާ ކަންވެސް މުއިއްޒު ފާހަގަކޮށްފައިވެ އެވެ.

އުތީމަކީ އެކި ފަންތީގެ ހާއްސަކޮށް ދައުލަތްތަކުގެ ވަރަށް އިސް ބޭފުންވެސް ޒިޔާރަތް ކުރައްވާ ރަށަކަށް ވާތީ އުތީމުގައި ސްޓޭޓް ހައުސްއެއް ހުރުން މުހިއްމު ކަމަށެވެ. އުތީމު ރައްޔިތުން އެދޭނަމަ އެފަދަ އިމާރާތެއް އުތީމުގައި އަޅައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން އުތީމުގެ ބަނދަރުގައި ހުރި މައްސަލަތަކާއި ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދީ، އުތީމުގެ ބޮޑެތި މަގުތައް ހަދައިދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ މުއިއްޒު އެދިވަޑައިގަތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓު ދެއްވުމަށެވެ.