ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ 10 ވަނަ އަހަރީ ދުވަސް މިރޭ ފާހަގަކޮށްފި އެވެ.
ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީސް ކުރިމަތީ ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ބޮޑިބަތް ކެއުމާއެކު ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ޕީޕީއެމްގެ ދިދަ ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަދި ޕީޕީއެމްގެ ރަސްމީ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ރައީސް ޔާމީންގެ ފޮޓޯގަނޑުގެ ބަދަލުގައި އައު ފޮޓޯގަނޑެއް ވަނީ ހަރުކޮށްފައެވެ.
ޕީޕީއެމަކީ ޑީއާރުޕީގެ ތެރޭގައި އުފެދުނު ބައިބައިވުންތަކާއި ގުޅިގެން ޑީއާރުޕީގެ އޭރުގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި މައުމޫނާއި ޔާމީންގެ ގުޅުން ގޯސްވެ މައުމޫން އާއި މައުމޫނަށް ތާއީދުކުރާ އިސް ބޭފުޅުން ވަނީ ޕީޕީއެމުން ވަކިކޮށްފައެވެ. އޭގެ ފަހުން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީން ހޯއްދެވީ ކޯޓް މެދުވެރިކޮށެވެ.
ވެރިކަން ބަދަލުވެ ޕީޕީއެމް ގެއްލިދާނެ ކަމަށް ފެނިވަޑައިގަތުމުން ޕީއެންސީގެ ނަމުގައިވެސް ރައީސް ޔާމީން އިސްވެ ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް ޕީޕީއެމްގެ ކޮންޓްރޯލް އެމަނިކުފާނުގެ އަތްޕުޅުން އޮތުމުން ޕީޕީއެމް ބޮޑުކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. މިއަދު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީޕީއެމެވެ. އަދި އިންތިހާބުތަކުން މިހާތަނަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ޕާޓީއަކީވެސް ޕީޕީއެމެވެ.
ޕީޕީއެމުން ވަކިކުރެއްވުމާއި ގުޅިގެން ރައީސް މައުމޫން އުފެއްދެވީ މައުމޫން ރިފޯމް މޫވްމަންޓްގެ ނަމުގައި އައު ޕާޓީއެކެވެ.