ސްރީލަންކާ

ލަންކާގައި ހައްޔަރުކޮށްފައި ތިބި ދިވެހިންނާ ގުޅޭ މަޝްވަރާކޮށްފި

Dec 4, 2015
5

ސްރީލަންކާގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ދިވެހިންގެ މައްސަލަތަކުގައި އެ ގައުމުގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު ޒާހިޔާ ޒަރީރު އެ ގައުމުގެ ފޮރިން ސެކްރެޓަރީ އާ ބައްދަލު ކުރައްވައި މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ލަންކާގެ ފޮރިން ސެކްރެޓަރީ ވަގިސްވަރާއާ އެކު މިއަދު މެންދުރު ބޭއްވި އެ ބައްދަލުވުމާ ގުޅޭ ގޮތުން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުނީ އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ، ސްރީލަންކާގެ ޖަލުތަކުގައި ތިބި ދިވެހިންގެ މައްސަތަކުގެ އިތުރަށް އެއާޕޯޓްގައި ދިވެހިން އިތުރަށް ޗެކް ކުރާ މައްސަލަ އާއި ވިސާގެ މައްސަލަތައް އަދި ލަންކާގައި އުޅޭ ދިވެހިންނަށާއި އެ ގައުމަށް ދާ ދިވެހިންނަށް ދިމާވާ ދަތިތަކާ މެދުގައި ކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ސްރީލަންކާގައި ދާދިފަހުން މަރާލި ދިވެއްސެއް ކަމަށްވާ، ހުސެން ރަޒީން ރަބަރޭ މަރާލިކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު އެ ގައުމުގެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ރާއްޖެއިން ހައްޔަރު ކުރި ލަންކާ ސްނައިޕަރުގެ މައްސަލައިގައި ދެ ގައުމުގެ ގުޅުމަށް ނުތަނަވަސްކަން އައިސްފައިވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން ލަންކާގައި ދިރިއުޅެމުން އައި، އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރު ކުރި މައްސަލައިގައި ލަންކާ އިން ކަންބޮޑުވުން ފާޅުކުރި އެވެ.

އެ މައްސަލަތަކަށް ފަހު އެއާޕޯޓްގައި ދިވެހިން ޗެކް ކުރުމުގެ މަސައްކަތްތަކެއް ފެށިފައިވެ އެވެ. އެހެން ނަމަވެސް ދެ ގައުމު މަޝްވަރާކޮށްގެން އެ މައްސަލައަށް ކޮންމެވެސް ހައްލެއް ލިބިފައިވެ އެވެ.