ލައިފްސްޓައިލް

ސިއްހަތަށް އެންމެ ފައިދާ ގޮތަށް ބަތް ކައްކާނީ ކިހިނެއް؟

މި ޒަމާނުގައި އެންމެން ވެސް އުޅެނީ ވަރަށް އަވަދިނެތި އެވެ. މައިކްރޯވޭވް އާއި އަވަނުން ފަސޭހައިން ހަދާލެވޭ ކާ އެއްޗެތި ތައްޔާރުކުރަން ގިނަ މީހުން އިސްކަން ދެނީ ވަގުތު ސަލާމަތް ކުރުމުގެ ގޮތުންނެވެ. މިގޮތަށް އަވަސް އަވަހަށް ކާ އެއްޗެތި ތައްޔާރު ކުރާއިރު އޭގެން ލިބިދާނެ ގެއްލުމާއި ފައިދާއަކަށް ގިނަ މީހުން ނުބަލަ އެވެ.

މި ޒަމާނުގައި ބައެއް މީހުން ބަތް ވެސް ކައްކަނީ ހަނޑޫކޮޅު ދޮވެލާފައި މައިކްރޯވޭވް އަށް ލައިގެން ވަކި އިރެއް ވަންދެން ބަހައްޓައިގެންނެވެ. ނުވަތަ ހަނޑޫދޮވެފައި ވަގުތުން ރައިސް ކުކާ އަށް އަޅައިގެންނެވެ. ނަމަވެސް ކުރީ ޒަމާނުގައި އަހަރެމެންގެ ކާބަފައިން ބަތް ކައްކާ އުޅުނީ ހަނޑޫ ފެނު އަޅާފައި އެތައް އިރަކު ބަހައްޓާފައި ނަގައި އެ ރީތިކޮށް ދޮވެފައި އުނދުނަށް އުދައިގެން މަޑު ގިނީގަ އެވެ.

އިންޑިޔާގެ މަޝްހޫރު ނިއުޓްރިޝަނިސްޓް އަދި ފޮތް ލިޔުންތެރިޔާ ރުޖޫތާ ދިވާކަރް ޓައިމްސް އޮފް އިންޑިއާ އަށް ވިދާޅުވެފައިވާ ގޮތުގައި ބަތް ކެއްކުމުގެ ކުރިން ހަނޑޫ ފެނުލާފައި އިރުގަނޑަކު ބެހެއްޓުމުން ވަރަށް ގިނަ ފައިދާތައް ލިބެ އެވެ.

ހަނޑުލުގައި ހުންނަ ހަށިގަނޑަށް ފައިދާކުރާ މާއްދާތައް އެކަށީގެންވާ ގޮތަކަށް އިންސާނުންނަށް ލިބޭނީ ހަނޑޫ ވަކި އިރެއް ވަންދެން ފެނުލާފައި ބަހައްޓާފައި ކެއްކުމުން ކަމަށް އޭނާ ރުޖޫތާ ބުންޏެވެ.

ބަތުން ލިބޭ ވިޓަމިންސް އާއި މިނަރަލްސް ހަށިގަނޑަށް ލިބޭނީ ވެސް އެ ބަތަކީ ހަނޑޫ ފޯވަންދެން ފެނު އަޅާފައި ބަހައްޓާފައި ކައްކާ ބަތަށް ވާނަމަ ކަމަށް ވެސް ނިއުޓްރިޝަނިސްޓް ބުންޏެވެ.

އަދި މިގޮތަށް ކެއްކުމުން ބަތްކޮޅު އަވަހަށް ކެކި އޭގެ ރަހަ ވެސް މާ މީރުވާނެކަމަށް ރުޖޫތާ ބުންޏެވެ.

ހަނޑޫ ފެނު އަޅާ ފޯ ކުރުމުން އޭގައި ހުންނަ ފައިޓިކް އެސިޑް ބޭރުވާނެ އެވެ. މިއީ އަޔަން، އާއި ޒިންކް އަދި ކެލްސިއަމް ލިބުމަށް ހުރަސް އަޅާ ސަބްސްޓެންސް އެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގޮވާމުގެ ބާވަތްތަކާއި މުގު އަދި އެކި ކަހަލަ ސީޑްގައި ގިނަ އަދަދަކަށް ފައިޓިކް އެސިޑް ހުރެ އެވެ. ހަނޑޫ ނޫނަސް މި ބާވަތުގެ ހުރިހާ އެއްޗެއް ވެސް ކެއްކުމުގެ ކުރިން އިރުގަނޑެއް ވަންދެން ފެނަށް އަޅައި ފޯކުން މުހިއްމު ކަމަށް ރުޖޫތާ ބުންޏެވެ. އެހެން ނޫނީ އެކަށީގެންވާ ފައިދާ މި ތަކެތިން ނުކުރުމުގެ އިތުރުން ސިއްހަތަށް ގެއްލުން ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން އެކި ވައްތަރު ފެނުގައި ބަހައްޓަން ޖެހޭ ވަގުތު ވެސް ތަފާތެވެ. ހިމަ ދިގުކޮށް ހުންނަ ބާސްމަތީ ރައިސްގެ ބާވަތްތައް ހަމައެކަނި ދޮވެލުމުން ފުދޭނެ އެވެ. ފޯކުރަން ފެނަށް އަޅާފައި ބަހައްޓަން ޖެހެނީ ދިވެހިން ކިޔާ ހަރު ހަނޑުލާއި ބްރައުން ރައިސް، ބްލެކް ރައިސް، އަދި ރެޑް ރައިސް އެވެ. މިފަދަ ހަނޑޫ 6-12 ގަޑިއިރު ފެނުއަޅާފައި ބަހައްޓަން ޖެހެ އެވެ. ޕޮލިޝް ނުކޮށް ހުންނަ ބްރައުން ރައިސް 4-6 ގަޑިއިރު ފެނަށް އަޅާފައި ބެހެއްޓުމުން ފުދޭނެ އެވެ.

ބާސްމަތީ، ޖޭސްމީން، ފަދަ ހަނޑޫ 15-20 ވަރަކަށް މިނިޓް ފެނަށް އަޅާފައި ބަހައްޓާފައި ދޮވެލުމުން އޭގެން ލިބެން ޖެހޭ ފައިދާތައް އެންމެ އެދެވޭ ގޮތުގައި ލިބޭނެ އެވެ.