ދުނިޔޭގައި ބާއްވާ ތިމާވެއްޓާ ބެހޭ އެންމެ ބޮޑު ކޮންފަރެންސް "ކޮޕް 26"ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްކޮޓްލެންޑަށް ފުރާވަޑައިގެންފި އެވެ.
އދ. އިން އިންތިޒާމު ކުރާ ކޮޕް ސަމިޓް މާދަމާ އިން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ ސްކޮޓްލޭންޑްގެ ގްލާސްގޯގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ޖާޒީރާ ގައުމުތަކަށް ދޭން ވައުދުވެފައިވާ ފައިސާގެ އެހީ ވައުދުވި ގޮތަށް ލިބެމުން ނުދާ ކަމަށެވެ. އެހެންކަމުން ކޮޕް ސަމިޓުގައި ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދަށް މެއި ހައެއްގައި ދެވުނު ހަމަލާއަށްފަހު ބޭސް ފަރުވާ އަށް ގިނަ ދުވަސް ތަކަކު ޖަރުމަނާއި އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަތީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
އެމަނިކުފާނުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށް ދައުލަތުގެ ހަރަދުގައި އެމަނިކުފާނު ހުންނަވަނީ ވެސް ހޮޓެލް ޖެންގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ދުބާއީ ކުރައްވާ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިނުގެން އެމަނިކުފާނު ވެސް މިއަދުގެ ވަގުތެއްގައި ސްކޮޓްލެންޑަށް ވަޑައިގަންނަވާނެ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ކޮޕް ސަމިޓަށް ވަޑައިގަންނަވާނެ އެވެ.
ރާއްޖޭގެ ރައީސަކު އެންމެ ފަހުން ކޮޕް ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވީ މީގެ 12 އަހަރު ކުރިން 2009 އަހަރު އެވެ. އެ ފަހަރު ކޮޕް ސަމިޓުގައި އޭރުގެ ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވީ ރައީސް ނަޝީދު އެވެ.