ރާއްޖެ ކުޅިވަރު

ރެޑްބުލް ވިނިން ފައިވްގެ މާލޭ ބުރުގެ ކޮލިފައިން 128 ޓީމާއެކު ބާއްވައިފި

ރެޑްބުލް އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ރެޑްބުލް ވިނިން ފައިވް މުބާރާތުގެ މާލޭ ބުރު 128 ޓީމާއެކު މިއަދު ބާއްވައިފި އެވެ.

ޓާފް ދަނޑުގައި ކުރިއަށް ދިޔަ ކޮލިފައިން މެޗުތަކަށް ފަހު މުބާރާތުގެ ފައިނަލް ބުރު ބާއްވާނީ މި މަހުގެ 11 އަދި 12ގަ އެވެ.

ރާއްޖޭގެ އަށް ސަރަހައްދެއްގައި ބޭއްވި ކޮލިފައިން މެޗުތަކަށް ފަހު ފައިނަލް ބުރުގައި ވާދަކުރާނީ އެންމެ ހުރިހާ ސަރަހައްދެއްގެ ވެސް އެންމެ މޮޅު ޓީމުތަކެވެ.

ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި މުބާރާތުގައި މި ފަހަރު މުޅި ރާއްޖެއިން 181 ޓީމު ބައިވެރިވި އެވެ. ޖުމުލަ 905 ކުޅުންތެރިން ވާދަކުރާ މުބާރާތުގެ ޗެމްޕިއަން ޓީމަށް މި މުބާރާތުގެ ދުނިޔޭގެ ފައިނަލް ބުރުގައި ވާދަކުރަން ބްރެޒިލްގެ ސަންޓޯސް އަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.

ސަންޓޯސް އަކީ ބްރެޒިލްގެ މިހާރިގެ ކެޕްޓަން ނޭމާ އާއި ކުރީގެ ފޯވަޑް ރޮބީނިއޯ އަދި ބްރެޒިލާއި ދުނިޔެދެކެފައިވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މަޝްހޫރު ޕެލޭ ވެސް ވިދާލި ތަނެވެ.