މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ ރައްޔިތުން ނިކަމެތިކޮށް ރެފިއުޖީންނަށް ހެދި ކަމަށް ބުނެ ކުރީގެ ދެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ މައްސަލަ ބަލައިދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފި އެވެ.
އެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ. އޭނާ ވަނީ އިތުރު ބައެއް އެހެން މައްސަލަތައް ވެސް ހުށަހަޅުއްވާފަ އެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ފެބްރުއަރީ 7، 2012 ގައި ސިފައިންނާއި ފުލުހުންގެ ޔުނީފޯމުގައި ތިބި ބަޔަކު ދައުލަތުގެ މީޑިއާ ހިންގާ އިމާރާތުގެ ގޭޓު ގޮއްވާލައިގެން އެތަނަށް ވަން މައްސަލައާއި ރައީސް މުހައްމަދު އަމީންގެ ވެރިކަން ބަދަލުވުމަށް މެދުވެރިވި ސަބަބުތައް ބަލައި އެކަން ހިނގައިދިޔަ ގޮތް ސާފުކުރަން ވެސް ހުށަހަޅުއްވާފައިވެ އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިންތިގާލީ އިންސާފުގެ އޮފީހުގެ ޕަބްލިކް ރިލޭޝަން އޮފިސަރު އައިޝަތު ފަތުހީ ވިދާޅުވީ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި މައްސަލަތަކުގެ ތެރެއިން ބަލަން ނިންމީ ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ދައުލަތުގެ މީޑިއާގެ ތެރެއަށް ވަން މައްސަލައާއި އަމީން ދީދީއާ ގުޅޭ މައްސަލަ ކަމަށެވެ. އަދި ރައީސް މައުމޫނާއި ރައީސް ޔާމީނާ ގުޅޭ މައްސަލަ ނުބަލަން ނިންމީ އެ އޮފީހުގެ އިހްތިސާސްގެ ތެރެއިން އެއީ ބެލޭނެ މައްސަލަ އަކަށް ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިހްތިސާސްގެ ތެރޭގައިވާ ހުރިހާ މައްސަލައެއްވެސް ބަލަން ވާނީ ނިންމާފައި، އެ މައްސަލަ ނުބަލަން ނިންމީ އިހްތިސާސްގެ ތެރޭގައި ނުހިމެނޭތީއާއި މައްސަލާގައި ބޯހިޔާވަހިކަމުގެ ހައްގު ގެއްލުނު މީހުންގެ މައުލޫމާތުތަކެއް އެނގޭ ގޮތަށް ހުށަހަޅާފައި ނުވާތީ" އައިޝާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމުގެ މަގްސަދުގައި އުފެއްދި އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހު އެވެ. މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހަމަވީ މިދިޔަ ސެޕްޓެމްބަރު 13 ދުވަހުގެ ރެއަށެވެ.
ރައީސް ޔާމީނާއި ރައީސް މައުމޫންގެ މައްސަލާގައި ބުނެފައިވަނީ ރައީސް މައުމޫން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 1979ގައި މާލޭގައި ބިން ހިއްކީ މާލޭގައި ކޮންމެހެން ބޯހިޔާވަހިކަމެއް ބޭނުންވެފައި ތިބި މީހުންނަށް ބިން ދޫކުރާނެ ކަމަށް ވިދާޅުވުމަށްފަހު ކަމަށެވެ. އެކަމަކު ހިއްކި ބިމުން، ބިން ދޫކުރީ ރައީސް މައުމޫންގެ އަރިހުގައި އުޅުއްވީ ބޭފުޅުންނާއި ވަޒީރުންނާއި އަތޮޅުވެރިންނާއި ކަތީބުންނާއި ގާޒީންނާއި ވިޔަފާރިވެރިންނާއި އަދި ކަމަވޮށިގެންވާ މީހުންނަށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
މައްސަލައިގައިވާ ގޮތުން އޭރު މާލެއިން ދޫކުރި ބިމުގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރި މީހުންނަށް ރައީސް މައުމޫންގެ ސަރުކާރުގައި ވަނީ އަނިޔާ ކޮށްފަ އެވެ. ބޯހިޔާވަހިކަމެއް ބޭނުންވެފައި ތިބި މީހުންނަށް ބިން ދޫނުކުރުމުން އެތައް ރައްޔިތެއްގެ ދިރިއުޅުން ހަލާކުވެ އެތައް ބަޔަކު މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.
ރައީސް މައުމޫންގެ ފަހުން އެމަނިކުފާނުގެ ކޮއްކޮ، ރައީސް ޔާމީންގެ ޒައާމަތުގައިވެސް މާލޭ ރައްޔިތުންނާ މެދު އަމަލުކުރީ އިހާނެތިކޮށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެގޮތުން ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށްފަހު އެތަނުގައި އަޅާފައިވަނީ "ކޮތަރު ކޮށި" ތަކެއް ކަމަށްވެސް ސިފަކޮށްފައިވެ އެވެ.
ރަށްރަށުން ހިލޭ ގޯތި ލިބޭއިރު މާލެ ސަރަހައްދުގައި މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ނުލިބޭ ކަމާއި އަދި ގޯތި ހޯދަން ވާދަކުރަންޖެހެނީ ރާއްޖޭގެ އެހެން ރައްޔިތުންނާ އެކުގައި ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އެގޮތަށް އަމަލުކުރުމުގެ ސަބަބުން ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަން ގެއްލޭ ކަމަށްވެސް ބުނެފައިވެ އެވެ.
މައްސަލާގައި އިތުރަށް ބުނެފައިވަނީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް އޮތް ހައްލަކީ މާލޭ ސަރަހައްދުން ހިއްކާފައިވާ ބިންތަކާއި ކުރިއަށް އޮތް ދުވަސްތަކުގައި ހިއްކަން ނިންމާފައިވާ ބިންތަކުން މާލޭގެ ރައްޔިތުންނަށް ބިން ދިނުން ކަމަށެވެ. މާލޭގައި ގޯތިތައް ބައިކުރަން ޖެހުމުން ގޯތިތައް ކުދިވެ މާލޭ ރައްޔިތުންނަށް މާލޭގައި މިހާރު ދިރިއުޅެވެން ނެތް ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ މާލޭ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށް އެދިފައިވެ އެވެ.