އޮމްބަޑްސްޕާސްންސްގެ އޮފީސް

މައުމޫނާއި ޔާމީންގެ މައްސަލަ އިންތިގާލީ އޮފީހަށް

Sep 14, 2021
9

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ ރައްޔިތުން ނިކަމެތިކޮށް ރެފިއުޖީންނަށް ހެދި ކަމަށް ބުނެ ކުރީގެ ދެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމުގެ މަގްސަދުގައި އުފެއްދި އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހު އެވެ. މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހަމަވީ ރޭގަ އެވެ.

ރައީސް ޔާމީނާއި ރައީސް މައުމޫންގެ މައްސަލަ އެންމެ ފަހު ވަގުތު އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ލަބީގް މުހައްމަދު މާހިދެވެ.

މައްސަލައިގައި ބުނެފައިވަނީ ރައީސް މައުމޫން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 1979ގައި މާލޭގައި ބިން ހިއްކީ މާލޭގައި ކޮންމެހެން ބޯހިޔާވަހިކަމެއް ބޭނުންވެފައި ތިބި މީހުންނަށް ބިން ދޫކުރާނެ ކަމަށް ވިދާޅުވުމަށްފަހު ކަމަށެވެ. އެކަމަކު ހިއްކި ބިމުން، ބިން ދޫކުރީ ރައީސް މައުމޫންގެ އަރިހުގައި އުޅުއްވީ ބޭފުޅުންނާއި ވަޒީރުންނާއި އަތޮޅުވެރިންނާއި ކަތީބުންނާއި ގާޒީންނާއި ވިޔަފާރިވެރިންނާއި އަދި ކަމަވޮށިގެންވާ މީހުންނަށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މައްސަލައިގައިވާ ގޮތުން އޭރު މާލެއިން ދޫކުރި ބިމުގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރި މީހުންނަށް ރައީސް މައުމޫންގެ ސަރުކާރުގައި ވަނީ އަނިޔާ ކޮށްފަ އެވެ. ބޯހިޔާވަހިކަމެއް ބޭނުންވެފައި ތިބި މީހުންނަށް ބިން ދޫނުކުރުމުން އެތައް ރައްޔިތެއްގެ ދިރިއުޅުން ހަލާކުވެ އެތައް ބަޔަކު މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

ރައީސް މައުމޫންގެ ފަހުން އެމަނިކުފާނުގެ ކޮއްކޮ، ރައީސް ޔާމީންގެ ޒައާމަތުގައިވެސް މާލޭ ރައްޔިތުންނާ މެދު އަމަލުކުރީ އިހާނެތިކޮށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެގޮތުން ދައުލަތުން ބޮޑޔ ހަރަދެއް ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށްފަހު އެތަނުގައި އަޅާފައިވަނީ "ކޮތަރު ކޮށި" ތަކެއް ކަމަށްވެސް ސިފަކޮށްފައިވެ އެވެ.

ރަށްރަށުން ހިލޭ ގޯތި ލިބޭއިރު މާލެ ސަރަހައްދުގައި މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ނުލިބޭ ކަމާއި އަދި ގޯތި ހޯދަން ވާދަކުރަންޖެހެނީ ރާއްޖޭގެ އެހެން ރައްޔިތުންނާ އެކުގައި ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އެގޮތަށް އަމަލުކުރުމުގެ ސަބަބުން ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަން ގެއްލޭ ކަމަށްވެސް ބުނެފައިވެ އެވެ.

މައްސަލާގައި އިތުރަށް ބުނެފައިވަނީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް އޮތް ހައްލަކީ މާލޭ ސަރަހައްދުން ހިއްކާފައިވާ ބިންތަކާއި ކުރިއަށް އޮތް ދުވަސްތަކުގައި ހިއްކަން ނިންމާފައިވާ ބިންތަކުން މާލޭގެ ރައްޔިތުންނަށް ބިން ދިނުން ކަމަށެވެ. މާލޭގައި ގޯތިތައް ބައިކުރަން ޖެހުމުން ގޯތިތައް ކުދިވެ މާލޭ ރައްޔިތުންނަށް މާލޭގައި މިހާރު ދިރިއުޅެވެން ނެތް ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ މާލޭ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށް އެދިފައިވެ އެވެ.