ކާނާ

ކޭކަރާއި ބިސްކޯދަކީ ރައްކާތެރި އެއްޗެއް: ސިންގަޕޫރު

Oct 30, 2021

ކްރީމް ކްރޭކަރާއި އެފަދަ އެހެން ބިސްކޯދުތަކުގައި ކެންސަރަށް މަގުފަހިވާ މާއްދާތަކެއް ނުހިމެނޭ ކަމަށާއި އެއީ ކާން ރައްކާތެރި ތަކެތި ކަމަށް ސިންގަޕޫރުގެ ފުޑް އޭޖެންސީން ކަށަވަރު ކޮށްދީފި އެވެ.

ބަޔާނެއް މެދުވެރިކޮށް ސިންގަޕޫރުގެ ފުޑް އޭޖެންސީން އެހެން ބުނީ މެލޭޝިއާ އާއި އެހެން ބައެއް ގައުމުތަކުން އުފައްދާ ބިސްކޯދާއި ކްރީމް ކްރޭކަރުގެ ބާވަތްތަކުގައި ކެންސަރަށް މަގުފަހިވާ މާއްދާތަކެއް ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވަނިކޮށެވެ.

ސިންގަޕޫރުގެ ފުޑް އެއޭޖެންސީގެ ބަޔާނާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ ހޫނުން ފިހެ، ބިސްކޯދު އުފައްދާއިރު ގުދުރަތީ ބައެއް މާއްދާތައް ބިސްކޯދުގައި ހިމެނޭ ކަމަށާއި އެ މާއްދާތަކުން ކެންސަރަށް މަގު ފަހިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ސާބިތު ކުރެވިފައި ނުވާ ކަމަށާއި ހޫނު ކޮށްގެން އުފައްދާ ބިސްކޯދުގައި އެ މާއްދާތައް ނުހުންނަ ގޮތަށް އުފެއްދުމަކީ ނުވާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ބިސްކޯދާއި ކްރޭކަރު ކެއުން ރައްކާތެރި ކަމަށް ވެސް ބުނެފައި ވެއެވެ.

ކްރީމް ކްރޭކަރު އުފައްދާ މަޝްހޫރު ހަޕްސެންއިން އާދީއްތަ ދުވަހު ބުނެފައި ވަނީ މެލޭޝިއާގައި އުފައްދާ ކްރީމް ކްރޭކަރަކީ ގަވާއިދަށް އަދި ރައްކާތެރި މިންގަނޑުގައި ކޮލިޓީ ސްޓޭންޑަޑްތަކަށް ފައްތައިގެން ބާޒާރުގައި މާކެޓް ކުރާ ކެއުމެއް ކަމަށެވެ. އެ ކްރެކަރާއި ބިސްކޯދު ސިއްހައްްތަަށް ރައްކާތެރި ކަމަށާއި ރިޕޯޓްތަކާ ގުޅިގެން ބަލާބެލުންތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ހޮންގްކޮންގްގެ ކޮންޒިއުމާ ކައުންސިލުން ހާމަކޮށްފައިވާ ގޮތުން ބިސްކޯދާއި ކްރޭކާސްގައި ގްލައިސިޑޯލް ނުވަތަ އެކްރިލަމައިޑް ފަދަ ކެންސަރަށް މަގުފަހިވާ ކެމިކަލްތައް ހިމެނެއެވެ.