ޣައްސާން މައުމޫން

އަސްކަރީ އެހީ ބޭނުންވެ، އެކަމު ބިދޭސީ ސިފައިންނަށް ނުތިބެވޭ: ޣައްސާން

ރާއްޖޭގައި ބޭރުގެ އަސްކަރީ ބަޔަކު ދާއިމީ ތިބުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެކުވެރި ގައުމުތަކުން ރާއްޖޭގެ އެ ނިންމުމަށް އިހްތިރާމު ކުރުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ގޮވާލައްވައިފި އެވެ.

ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސްގެ ފަރާތުން ބޭއްވި "ޝަންގްރިލާ ޑައިލޮގް 2024"ގައި ވާހަކަދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ ރާއްޖެއިން އެކި ގައުމުތަކާ އެކު އަބަދުވެސް ދިފާއީ ގުޅުންތައް ގާއިމުކޮށް ރާއްޖޭގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއް އަސްކަރީ ސިފައިން ދާއިމަށް ތިބުމަށް ފުރުސަތު ނުދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމުގައި ދާއިމީ ގޮތަކަށް ބޭރުގެ އަސްކަރީ ބަޔަކު ތިބުމަކަށް ބޭނުމެއް ނުވޭ. އަދި އެކަމެއް ނުވެސްވާނެ. އަޅުގަނޑުމެންގެ އުންމީދަކީ މި ނިންމުމަށް އަޅުގަނޑުމެންގެ އެކުވެރި ައުމުތަކުން އިހްތިރާމް ކުރުން،" ޣައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ދަތިތަކެއް ހުންނާތީ އެކަން ޔަގީންކުރަން ބަލަނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ކަމަށެވެ. އެކަމަކު ބައެއް ގައުމުތަކުން އެފަދަ ކަންކަމަށް އިހްތިރާމު ނުކުރާތީ ކުދި ގައުމުތަކުގެ ސަލާމަތަށް ގޮންޖެހުންތަކެއް ހުރި ކަމުގައިވެސް ވިދާޅުވި އެވެ. އެހެންވެ ކުދި ގައުމުތަކުގެ މެދުގައި ހަރުދަނާ ގުޅުންތަކެއް ބޭއްވުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކޮށް ދިވެހިންގެ ދިފާއީ ކަންކަން ދިވެހިން އަމިއްލައަށް ބެލެހެއްޓުމާއި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއްދޭ އެއް ސިޔާސަތު ކަމަށެވެ. އިންޑިއާ ކަނޑުގައި ދިވެހިރާއްޖެ އޮންނާތީވެ މިސަރަހައްދުން އެކި ބޭނުންތަކުގައި ދަތުރުކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ރާއްޖެއިން ޒިންމާ އަދާކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓަކީ މިސަރަހައްދުގައި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މިފަދަ އެންމެ ބޮޑު ސަމިޓެވެ.