ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރުވީއިރު ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރުވުމާ ގުޅިގެން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ މިދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށެވެ.
އެގޮތުން ފާއިތުވި އެއް އަހަރުގެ ތެރޭގައި ސަރުކާރަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބަކީ ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ރާއްޖޭގައި ނެތްކަން ކަށަވަރު ކުރުމާއި ބޭރުގެ އަސްކަރިއްޔާ އަކަށް ބަރޯސް ނުވެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދިވެހި އަސްކަރިއްޔާ އިން ކުރަމުން ދިއުން ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އެއްވެސް ބަޔަކަށް ބަރޯސާނުވެ އަސްކަރިއްޔާއިން ކުރެވޭ ގޮތަށް ޒަމާނީ ވަސީލަތްތައް ހޯއްދަވާ ދެއްވާ އެ ވަސީލަތްތައް ބޭނުންކުރުން ސިފައިން ތަމްރީނު ކުރައްވާ، އެކަން ކުރަން ފައުޖެއް މިހާރު ވަނީ އުފައްދާފައި،" ޣައްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމުގެ މަސައްކަތަކީ އެއްފަހަރު ކުރާ އެންމެ ކަމަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ކޮންމެ ދުވަހަކުވެސް ގައުމުގެ ސަލާމަތީ ބާރުތަކުން ފަރުވާތެރި ކަމާއެކު ކުރަންޖެހޭ ކަމެއް ކަމަށާއި އެ މަސައްކަތުގައި ސާބިތުވެ ތިއްބަވާނެ ކަމަށެެވެ.
ޣައްސާން އިތުރަށް ވިދާޅުވީ ބޭރުގެ ގައުމުތަކާއެކު އަސްކަރީ ގޮތުން ގުޅުންތައް ގާއިމުކުރުމުގައި އިސްކުރާނީ ފުރަތަމަ ގައުމު ކަމަށެވެ. ރާއްޖޭގެ ސަލާމަތައް ގެއްލުން ނުވާގޮތަށް ރާއްޖެއާއެކު ގުޅުންތައް ހުރިހާ ގައުމަކާއެކުވެސް ބާއްވާނެ ކަމަށާއި ދިވެހި ގައުމުގެ ކަންކަމާއި ނިންމުންތައް ނިންމާނީ ދިވެހިންނަށް އެންމެ ފަހިވާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.