ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން ކުރިއަށް ގެންދާ ޓެލެތޯނަށް މިހާތަނަށް ހަދިޔާ ކުރި އެންމެ ބޮޑު އަދަދު އެމްއެންޑީއެފް އިން ހަދިޔާކޮށްފި އެވެ.
އެމްއެންޑީއެފްގެ ފަރާތުން ފަލަސްތީނަށް އެހީވުމުގެ ފަންޑަށް ހަދިޔާ ކޮށްފައިވަނީ 2،169،826.32 ރުފިޔާ އެވެ. މިއީ މިހާތަނަށް މި ފަންޑަށް ހަދިޔާކުރި އެންމެ ބޮޑު އަދަދެވެ.
އެމްއެންޑީއެފްގެ ފަރާތުން މި ފައިސާ ހަދިޔާ ކުރެއްވީ ޑިފެންސް މިިނިސްޓަރު ޣައްސާން މައުމޫނެވެ. ޕީއެސްއެމްގެ ފަރާތުން މި ފައިސާއާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެެކްޓަރު އަބްދުﷲ ޔާމީނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް "ފަލަސްތީނާ އެކު ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް އެމްއެންޑީއެފް އިން ފައިސާ ހަދިޔާ ކުރީ ޓީވީއެމްގެ ސްޓޫޑިއޯއަށް ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަޑައިގެންނެވެ.
އެމްއެންޑީއެފް އިން ހަދިޔާކޮށްފައިވާ 2.2 މިލިއަން ރުފިޔާއާއެކު މިހާތަނަށް ފަލަސްތީނުގެ ފަންޑަށް ވަނީ 3.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ.
ފަލަސްތީނަށް އެހީވުމުގެ ޓެލެތޯން ކުރިއަށްދާނީ މިރޭ 12:00 ޖެހުމާ ހަމައަށެވެ.
ފަލަސްތީނަށް އެހީވުމަށް ޓެލެތޯން ކުރިއަށް ގެންދާތީ މާލެ ސަރަހައްދުގައި 13 ފަންޑު ފޮށިވެސް ވަނީ ބަހައްޓާފަ އެވެ. ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ ފައިސާ ޖަމާކުރާނީ 7730000655865 އަދި ޑޮލަރުންނަމަ 7730000655866 އެކައުންޓަށެވެ.
މި ޓެލެތޯން ކުރިއަށް ގެންދަނީ މިކަމުގައި ބައިވެރިވާން ބޭނުންވާ ސަރުކާރުގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކާއި ޖަމިއްޔާތަކަށްވެސް އެ ފުރުސަތު ދީގެންނެވެ.