ޣައްސާން މައުމޫން

ސެޓްލައިޓް މެދުވެރިކޮށް ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރަނީ

ސެޓްލައިޓް މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން "ދިވެހީންގެ އަޑު ދުނިޔެއަށް" ކަވަރޭޖުގައި ޣައްސާން ވިދާޅުވީ ސެޓްލައިޓް މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލޭނެ ނިޒާމެއް ކައިރި މުސްތަގުބަލެއްގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތް ކުރަނީ ޑެފެންސް މިނިސްޓްރީއާއެކު މަސައްކަތްކުރާ މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަންގެ ޒުވާނުންތަކެކެވެ. އެ ޒުވާނުންނަކީ ނެޝަނަލް އެރޯނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) ގައި މަސައްކަތްކުރާ ގިނަ ފަރާތްތަކާ ގާތް ގުޅުމެއް އޮންނަ ކުދިންތަކެއް ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.

"މި މަސައްކަތުގެ ތެރެއިން އަޅުގަނޑުމެން މިބަލަނީ އަޅުގަނޑުމެންގެ މެރިޓައިމް ޑޮމެއިން ނުވަތަ ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ވަރަށް ކައިރި މުސްތަގުބަލެއްގައި އިރާދަކުރެއްވިއްޔާ ސެޓްލައިޓް މެދުވެރިކޮށް ވެސް ބެލޭނެ ނިޒާމެއް ގާއިމްކުރަން،" ޣައްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސެޓްލައިޓް މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލެެހެއްޓުމުގެ ނިޒާމު ގާއިމުކުރެވުމުން މި ސަރަހައްދުގައި ސުލްހަވެރިކަމާއެކު ދަތުރުކުރެވޭނެ ކަމަށެވެ.