އިސްލާމިކް ބޭންކް

ސީއީއޯ ވަނީ ސަސްޕެންޑްކޮށްފައި: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން ސަސްޕެންޑްކޮށްފައިވާކަން އެ ބެންކުން ޔަގީންކޮށްދީފި އެވެ. އެކަން ޔަގީންކޮށްދީ އެމްއައިބީން މިރޭ ވަނީ ބަޔާނެއް ނެރެފައެވެ.

ނަމަވެސް އެ ބަޔާނުގައިވެސް އޭނާ މަގާމުން ސަސްޕެންޑް ކުރި ވަކި ސަބަބެއް ތަފްސީލުކޮށްދީފައެއް ނުވެއެވެ.

ބެންކުން ބުނީ ސީއީއޯ ސަސްޕެންޑް ކުރުމާއި ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ސީއޯއޯ އަހުމަދު ރިޒާ ކަމަށެވެ.

ބަންގްލަދޭޝް އަށް އުފަން އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން އެމްއައިބީ އިން ސަސްޕެންޑް ކުރި ކަމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަޑުފެތުރުނެވެ. ނަމަވެސް މިރެއާ ހަމައަށް އެ ބެންކުން ދިޔައީ އެކަން ދޮގު ކުރަމުންނެވެ.

އަޑުފެތުރިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކުރީ ފައިސާއާ ގުޅުންހުރި މައްސަލައެއްގަ އެވެ. ނަމަވެސް މި ފައިސާގެ މައްސަލަ ތިލަވެފައި ވަނީ އަބްދުލްމުހައިމިންގެ މައްސަލައަކުން ކަމެއް ނުވަތަ ބޭންކާ ގުޅުންހުރި އެހެން ފަރާތަކުން ހިންގިކަމަކުން ކަމެއްގެ ސަަބަބަކުން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ސީއީއޯގެ މަގާމަށް މީގެ ދެ އަހަރު ކުރިން ހަވާލުވެވަޑައިގަތް އަބްދުލް މުހައިމިން ސަސްޕެންޑް ކުރި ސަބަބާ ބެހޭ ގޮތުން އެ ބޭންކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެމްއައިބީގެ އެމްޑީގެ މަގާމަށް އަބްދުލްމުހައިމިން ހަމަޖެއްސީ 2019 ވަނަ އަހަރު އެވެ. އޭނާއަކީ އިސްލާމިކް ފައިނޭންސިން ދާއިރާގެ ތަޖުރިބާކާރެކެވެ. މުހައިމިން ވަނީ މި ދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވާފަ އެވެ. އޭމާ މަސައްކަތް ކުރެއްވި ތަންތަނުގެ ތެރޭގައި އޭޝިއާ އާއި އޮސްޓްރޭލިއާ އަދި މެދުއިރުމަތީގެ ގައުމުތަކުގެ ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. އަދި އޭނާއަކީ ޑާކާ ޔުނިވާސިޓީން އެމްބީއޭ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ކެމްބްރިޖު ޔުނިވާސިޓީ އާއި އިނިގޭސިވިލާތުގެ ހާވާޑް ޔުނިވާސިޓީ އިން މަތީ ތައުލީމް ހާސިލްކުރެއްވުމުގެ އިތުރުން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން މެނޭޖްމެންޓް ދާއިރާގެ ކޯސްތަކެއް ވެސް ވަނީ ފުރުއްވާފަ އެވެ.