ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖީ20 ގައުމުތަކުގެ ލީޑަރުން ބައްދަލު ކުރައްވަނީ

ދުނިޔޭގައި އިގްތިސޯދީ ގޮތުން އެންމެ ކުރިއަރާފައި އޮތް 20 ގައުމުގެ ވެރިންގެ ސަމިޓް ހޮނިހިރު ދުވަހު ފަށައިފި އެވެ. މި ސަމިޓް ކުރިއަށް ދަނީ އިޓަލީގެ ވެރިރަށް ރޯމްގައި، އޯގަސްޓް 30 އިން 31 އަށެވެ.

ކޮވިޑާ ހެދި ސަމިޓް ނުބޭއްވި އެއް އަހަރު ދުވަސް ފާއިތުވެގެން ދިއުމަށް ފަހު މުއްސަނދި ގައުމުތަކުން ވަށްމޭޒު ދޮށަށް އެއްވެ ދައްކަން ހުރީ ހަމަ ކުރިން ވެސް ދެއްކި ވާހަކަތަކެވެ. މިފަހަރު އިތުރު ވާހަކައަކަށް އޮތީ ހަމައެކަނި ކޮވިޑާ ގުޅުން ހުރި ނުކުތާ އެވެ.

ސިނާއީ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށާއި މޫސުމީ ބަދަލުތަކަށް ހޭވެރިވުމަށް އެކްޓިވިސްޓުން އެދޭ ބާރު މިނުގައި ހައްލެއް ހޯދުމަކީ މި ސަމިޓުން ނިންމާނެ ނިންމުމެއް ނޫނެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ބާރުގަދަ ގައުމުތަކުން ކުރިން ވެފައިވާ ވައުދުތައް ތަންކޮޅެއް ހަރުކަށިކުރުން ފިޔަވައި އާކަމަކަށް ވައުދުވާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. މައިގަނޑު ސަބަބަކީ އަބަދު އެއްވާހަކައެއް ދައްކަން ޖެހުމާއި ހާސިލް ކުރަން އަމާޒުހިފި ބައެއް ކަންތައްތައް ފޭލިވެފައި އޮތުމެވެ.

އެހެން ނަމަވެސް އެހެން ރޮނގު ރޮނގުން އިތުރު ކުރިއެރުންތަކެއް ހޯދުމަށް އެއްބަސްވާނެ ކަމަށް ބެލެވެ އެވެ. އޭގެ ގެރޭގައި 2023 ވަނަ އަހަރުން ފެށިގެން ހުރިހާ ޤައުމަކުން ޓެކްސް ނެގުމަށް އޮނިގަނޑެއް އެކުލަވާލާނެ ކަމަށް ބެލެވެ އެވެ.

ދުނިޔެ ގަބޫލުކުރާ ޓެކްސް އޮނިގަނޑެއް އޮންނަން ޖެހޭ ކަމަށް ވަކާލާތުކުރެވެނީ ބޮޑެތި ވިޔަފާރިތަކުން ޓެކުހުން ރެކެން މަސައްކަތްކުރި ނަމަވެސް އުސޫލީ ގޮތުން އެ ވިޔަފާރިތަކުން އަމަލުކުރަން ޖެހޭ އަމުރެއް އޮތުމެވެ.

ކޮވިޑާ ގުޅިގެން ދުނިޔެއަށް އައި ބަދަލުތަކުގައި ވަކި ބަޔަކު ނިކަމެވި ދިއުމުން ސަލާމަތްކުރުމަށް 2022 ވަނަ އަހަރުގެ މެދުޖެހުމުގެ ކުރިން ދުނިޔޭގެ އާބާދީގެ 70 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ދިނުމަށް ރާވާފައި އޮތް ރޭވުމަށް އެއްބާލުން ލިބޭނެ ކަމަށް ބެލެވެ އެވެ.

މުސްތަޤްބަލުގައި ކުރިމަތިވާ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓާސްކް ފޯހެއް އެކުލަވާލުމަށް ލީޑަރުން ރާއްވަވާފައިވާ ރޭވުންތަކަށް ވެސް ލީޑަރުން ތާޢީދުކުރައްވާނެކަމަށް ވެސް ވަނީ ލަފާކުރެވިފަ އެވެ.

ބްރެޒިލާއި ޗައިނާ އާއި އިންޑިއާ، ޖަރުމަނާއި ތުރުކީ އަދި އެމެރިކާ ހިމެނޭ ގޮތުން ޖީ20 ގައުމުތަކުން ދުނިޔޭގެ ޤައުމީ އުފެއްދުން ތެރިކަމުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާކުރެ އެވެ. އަނެއްކޮޅުން ދުނިޔެއަށް ވިހަ ގޭސްތައް އެންމެ ގިނައިން ބޭރުކުރާ ގައުމުތަކުގެ ލިސްޓްގައި ވެސް މިގައުމުތައް ހިމެނެ އެވެ.