ޖޭއެސްސީ

ފާއިޒުގެ އަޑު ދިމާވާތީ މަައްސަލަ ބަލަނީ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯގައިވާ އަޑާއި އޭނާގެ އަޑާ ދިމާވާ ކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ ފާއިޒުގެ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމަށް ފުލުހުންގެ އިދާރާއަށް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން، އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްގެ ނަތީޖާ މިއަދުގެ ވަގުތެއްގައި ފުލުހުން ފޮނުވާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން އެނގޭ ގޮތުގައި ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާ ކަމަށެވެ. އަދި ގާޒީ އަލީ އާދަމް އާއި މަހައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީވެސް ޓެމްޕާކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.

"ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕާ ކޮށްފައިވާ އޯޑިއޯއެއްކަމުގައިވިޔަސް އެ އޯޑިއޯ ގައިވާ އަޑާއި އެ ބޭފުޅާގެ އަޑާ ދިމާވާކަމަށް ހަވާލާދެވުނު އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ، ގާޒީ އަލްއުސްތާޒު ހުސައިން ފާއިޒު ރަޝާދު އެ ބޭފުޅާގެ އަޑުކަމާމެދު އިންކާރުކުރިކަމުގައިވިޔަސް، މިމައްސަލަ ކޮމިޝަންގެ އިސްނެގުމަށް ތަހުގީގުކުރުމަށް ނިންމާ ތަހުގީގު ކޮމިޓީއެއް މިހާރުވަނީ އެކުލަވާލެވިފައެވެ،"

ގާޒީ ފާއިޒު ރަޝާދުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާ ކަމަށް ނުވަތަ ބައްދަލު ކުރަން އެދިފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާކަންވެސް ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް އެ އޯޑިއޯގައި ކޯޓުގެ ޝަރީއަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާ ކަމާއި އެގޮތަށް ފަނޑިޔާރު އަމަލު ބެހެއްޓެވުމުގެ ސަބަބުން ބަޔަކަށް އޭގެ ނާޖާއީޒް ފައިދާނެގުމުގެ ފުރުސަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭ ގޮތަށް އޯޑިއޯތަކެއް ހަދައިގެން ދައުރު ކުރުމުގެ އަމަލު ހިންގުމަށް މަގު ފަހިވެގެން ދިޔަކަން ވަނީ ފާހަގަކޮށްފައެވެ.

ޖޭއެސްސީން ވަނީ ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނެ ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ސައްހަޙަ ނޫން އޯޑިއޯތަކާއި އެމައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް ކުރުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ.