އެމެރިކާގެ ރައިސް ޖޯ ބައިން ކޮޕް26 ބައްދަލުވުމުގައި ތަގުރީރު ކުރައްވައްވަމުން ވިދާޅުވި ގޮތުގައި އެމެރިކާއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް 2030 ވަނަ އަހަރު އަންނަން ވާއިރަށް 2005 ވަނަ އަހަރު ހުރި މިންވަރަށް ވުރެ 50-52 އިންސައްތަ ދަށްކުރާނެ އެވެ.
ދުނިޔޭގެ މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ ހައްލު ހޯދުމަށް އދ. އިން އިންތިޒާމްކޮށްގެން ބާއްވާ ކޮޕް26 ސަމިޓްގައި ބައިޑަން ވިދާޅުވީ މޫސުމީ ބަދަލުތައް އިއާދަކުރުމަށް މިއަހަރު އޭޕްރީލްގައި ކަނޑައެޅި އަމާޒަށް ވާސިލްވުމުގައި އެމެރިކާއަށް ހުރަހެއް ނެތް ކަމަށެވެ.
ސްކޮޓްލޭންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ އދ.ގެ މޫސުމާ ބެހޭ ސަމިޓް ދުނިޔޭގެ ލީޑަރުން ގިނަ ލަނޑުދަނޑިތަކެއް ކަނޑައަޅާނެ އެވެ.
ދުނިޔެ ހިމާޔަތްކުރުމަށް ކަމަށް ބުނެ އާންމުކޮށް ދެކެވެނީ ދުނިޔޭގެ ހޫނުމިން މަތިވުމާއި ޖައްވަށް ބޭރުވެގެންދާ ވިހަ ގޭސްތައް މަދުކުރުން އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ބިންތިރި ގައުމުތަކަށް ލިބިދާނެ ކަމަށްް ވިސްނޭ ހާލަތްތަކުގެ ވާހަކަ އެވެ.
ސަމިޓްގެ ބައިވެެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވި ގޮތުގައި ގްލާސްގޯ ސަމިޓަކީ ޖީލެއްގެ ފެށުމެވެ. ހުސްއަތާ ގައުމަށް ވަޑައިގަތުމުގެ ބަދަލުގައި އުންމީދީ އަދި ހާސިލްކުރެވެނިވި ވިސްނުންފުޅެއްގައި އެނބުރި ވަޑައިގަތުން މުހިންމެވެ.
ބައިޑަން ވިދާޅުވީ ތަރައްގީވަމުން އަންނަ ޤައުމުތަކުން ގުދުރަތީ ތިމާވެއްޓަށް އިއާދަވުމަށް ކުރާ މަސައްކަތްތަކަށް އެމެރިކާއަށް އެހީތެރި ވެވިދާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ޖައްވަށް ބޭރުވެގެންދާ ވިހަ މާއްދާތައް ހުއްޓުވުމަށް އެމެރިކާއިން ވެދޭ އެހިތެރިކަން ފާލަމަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެމެރިކާއަކީ ދައްކާ ވާހަކައިގައި ނަމޫނާއެއް ކަމަށް ދުނިޔެއަށް ދައިކައި ދެއްވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ. އަދި ދުނިޔެއަށް މަގުދެއްކުމުގައި ދެމިއޮތްކަން ސާބިތުކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރަނީ އެމެރިކާ ކަމުގައި ވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އަމާޒަށް ވާސިލްވުމަށް "ޓީމް އެމެރިކާ" އިތުރު ވަގުތުގައި ވެސް މަސައްކަތްކުރާނެ ކަމަށެވެ.