ސްކޫލުތަކުގައި ދަރިވަރުންނަށް ޖިންސީ ގޯނާ ކޮށްގެން ހަތް މައްސަލައެއް މިހާރު ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. މެންބަރު ޖީހާންގެ އެއްސެވީ ގަލޮޅު ސްކޫލުގައި ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މިހާތަނަށް އެޅި ފިޔަވަޅުތަކާއި އަދި އެފަދަ ކަންކަން ނުހިނގާނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި އަދި ތުހުމަތު ކުރެވޭ މީހަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މިއީ ކުޑަކުދިންނާ ގުޅޭ މައްސަލައަކަށް ވާތީ މަޖިލީހުގެ ސިއްރު ކޮމިޓީއެއްގައި އިތުރު މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.
އެކަމަނާ ވިދާޅުވީ މިފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށާއި މައްސަލަތައް ވަގުތުން އަންގަން އެކަމަށް ހާއްސަ އޮފިސަރުން ވެސް ސްކޫލުތަކުގައި ލާފައި ތިބޭނެ ކަމަށެެވެ. އަދި މައްސަލައެއް ފެންމަތިވެއްޖެ ނަަމަ އިދާރީ ތަހުގީގެއް ހިންގުމަށް ފަހު ވަޒީފާއިން ވަކިކުރަން ޖެހޭ މީހުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދެއްވައި މިނިސްޓަރު ވިދާޅުވީ އެކަންކަން ކަށަވަރުކުރުމުގެ ގޮތުން އިތުރަށް އެޅެން ހުރި ފިޔަވަޅުތައް ވެސް އަޅާނެ ކަަމަށެވެ.
"އަޅުގަނޑުމެންގެ ދައުރުގައި 40 އަކަށް މިކަހަލަ މައްސަލަ ހުށަހެޅުނު. އޭގެ ތެރެއިން 30 އަކަށް ބޭފުޅުން މިހާރު ވާނީ ވަޒީފާއިން ވަކިކޮށްފައި. ދެން ހުރި ޕެންޑިން ކޭސްތައް ވެސް ކިރިޔާ ވެސް ހެއްކެއް އަލުގަނޑުމެންނަށް ލިބިއްޖިއްޔާ އަޅުގަނޑުމެންނަށް އެބޭފުޅަކު ވަޒީފާއިން ވަކިކުރެވޭ. ތަހުގީގު ހިނގަމުންދާއިރު އެބޭފުޅުން ތިބޭނީ ދަރިވަރުންނާ އެކެހެރިކުރެވިފައި. މިހާރުވެސް އެކަހަލަ ހތް ވަރަކަށް ކޭސް ހިނގަމުންދޭ. އެ ބޭފުޅުން ތިބީ ވަޒީފާއިން އެކެހެރިކުރެވިފައި" މިނިސްޓަރު ވިދާޅުވި އެވެ.