ޓީޗަރުން ނުލިބޭ ހަގީގީ ސަބަބުތައް ދެނެގަތުމަށް ކުރާ ދިރާސާތައް ކުރިއަށް އޮތް ތިން މަސްތެރޭ ނިމޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. މެންބަރު ޣަނީ އެއްސެވީ ޓީޗަރުން ނުލިބޭ ސަަބަބު ދެނެގަނެވިފައި ވޭތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުުން ނުލިބޭ ސަބަބު ހޯދުމަށް އިލްމީ ދިރާސާއެއް ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން މިހާރު ފައްޓަވައިފައިވާ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޓީޗިންގެ ދާއިރާއަށް މުދައްރިސުން ޝައުގުވެރި ނުވާ ބައެއް ސަބަބުތައް މިހާރުވެސް އަޅުގަނޑުމެން އެންމެނަށް ވެސް ކޮންމެވެސް ވަރަަކަށް އެނގެ އެވެ. އޭގެ ތެރޭގައި މުސާރަ ކުޑަވުމާއި އަދި ކުރިން ލިބޭ ގަދަރު މުދައްރިސުންނަށް ނުލިބުން ހިމެނެ އެވެ.
"މިއީ އަޅުގަނޑުމެންގެ ތެރޭގައި ދެކެވޭ ވާހަކަ. ނަމަވެސް މިހާރު ރައީސުލްޖުމްހޫރިއްޔާ މި ފެއްޓެވި މަސައްކަތުން އަޅުގަނޑުމެންނަށް ރަަނގަޅު އިލްމީ ދިރާސާއެއްގެ އަލީގައި އެނގިގެންދާނެ ހަގީގަތުގައި މިކަން މެދުވެރިވާ ސަބަބުތަކަކީ ކޮބައިތޯ. އެ މަސައްކަތް އިއްޔެ އިފްތިތާހުވެސް ކޮށްފި. އެހެން ނަމަވެސް ކުރިއަށް އޮތް ތިން މަސްތެރޭގައި އެ މަސައްކަތް ނިމިގެން ދާނެ. އަދި އެ ދިރާސާގެ އަލީގައި އަޅުގަނޑުމެންނަށް ޕޮލިސީތައް ފަރުމާކުރަން އެނގޭނެ އިތުރަށް މުދައްރިސުން މި ދާއިރާއަށް ޝައުގުވެރިކުރުމަށްޓަކައި." މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުން ނުލިބޭ މައްސަލަ ދިރާސާކުރުމަށް ރައީސް ސޯލިހު ވަނީ ރިސާޗު ގްރޫޕެއް ވެސް އެކުލަވާލައްވައިފަ އެވެ. ހަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މި ގްރޫޕްގައި ހިމެނެނީ އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިން، ހިއުމަން ރިސޯސަސް، ސޯޝިއޮލޮޖީ، ޓްރެއިނިން، ފައިނޭންސް އަދި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނެވެ.
މި ގުރޫޕުގެ މައިގަނޑު މަސައްކަތަކީ މުދައްރިސުންނާ ގުޅޭގޮތުން ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ސާފުކޮށް ދެނެގަތުމާއި، ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން އެ ފަންނުގައި ދެމިތިބުމާއި، ކުރިއަށް ދިއުމަށް ކުރިމަތިވެފައިވާ ދަތިތައް އިލްމީ ދިރާސާއެއްގެ އަލީގައި ދެނެގަތުމާއި، ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކެއް ހޯދުމެވެ.
ޓީޗަރުންގެ މުސާރަކުޑަކަމުން އަބަދުވެސް އެ ބޭފުޅުން ޝަކުވާ ކުރެ އެެވެ. އެކަމަކު ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި މިހާރު ވަނީ ހިމަނައިފަ އެވެ.