ޓީޗަރުން ކުރާ މަސައްކަތްތަކާ ގާތަށް ވެސް އެ ފަރާތްތަކަށް މުސާރަ ނުދެވޭ ކަމަށާއި އެ މައްސަލަ ހައްލު ކުރަން މުޅި ސަރުކާރު އިސް ނަގައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ޓީޗަރުންގެ މުސާރައާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މުދައްރިސުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށާއި އެގޮތުން 12 ގަޑިއިރު ސްކޫލުތަކުގައި ހޭދަ ކުރުމަށް ފަހު ގެއަށް އައިސް ކުރިޔަށް އޮތް ދުވަހުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ރޭގަނޑުތަކާއި ހަފްތާ ބަންދުތަކުގައި އިތުރު ހަރަކާތްތަކުގެ މަސައްކަތް ކުރާ ކަމަށާއި އާއިލާއެކު ވަގުތު ހޭދަކޮށްލަން ވެސް ޓީޗަރުންނަށް ނުލިބޭ ކަމަށް އައިޝަތު ވިދާޅުވި އެވެ.
އެހެންކަމުން މުދައްރިސުން މަސައްކަތް ކުރާ ވަގުތު މަދުކޮށް ރަނގަޅު މާހައުލެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މުއައްޒަފުން ކުރާ މަސައްކަތަށް އެކަށީގެންވާ ވަރަށް މުސާރަ ނުދެވޭ ކަމަށާއި އެހެންކަމުން މުސާރައަށް އެދެވޭ ބަދަލެއް ގެނައުމުގެ މަސައްކަތް ޕޭ ކޮމިޝަންއާއެކު ކުރިޔަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މުދައްރިސުން އެ ކުރާ މަސައްކަތްތާ ގާތަށް ވެސް ހަގީގަތުގައި އަޅުގަނޑުމެންނަކަށް މިހާރު އެ ބޭފުޅުންނަކަށް ނުދެވޭ މުސާރައެއް އެހެންވެ އެކަމާ މުޅި ސަރުކާރުން އިސް ނަގައިގެން އެބަ މަސައްކަތްތަކެއް ކުރަމުން ގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން އާ ކުދިން ޓީޗިން ދާއިރާއަށް ވެއްދުމާއި މިހާރު ތިބި މުއައްޒަފުން ވަޒީފާ ދެމި ތިބޭނެ ގޮތަކަށް މާހައުލު ބަދަލު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މުދައްރިސުންގެ ގަދަރު ދަރިވަރުންގެ ކުރިމަަތީ މަތި ކުރުމަށް ވެސް ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.