ހަބަރު

ޓީޗަރުންގެ މުސާރަ ބޮޑުކުރަން ޕޭ ކޮމިޝަނަށް ވަނީ ހުށަހަޅާފައި: މިނިސްޓަރު

Nov 6, 2019
2

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑު ބަދަލުކޮށް އެ އޮނިގަނޑު މިހާރު ޕޭ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

އެޑިޔުކޭޝަން މިނިސްޓަރާ ސުވާލު ކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ. އޭނާ މިނިސްޓަރާ ސުވާލު ކުރަން ހުށަހެޅީ، ސަރުކާރުތަކުން ތައުލީމީ ދާއިރާއަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވި އޮތުމުގެ ސަބަބުން، ޓީޗަރުންގެ ހާލަތު ދަށަށް ގޮސްފައިވާތީ އެވެ. އަދި ޓީޗަރުންގެ މުސާރަ ބޮޑު ކުރެވޭނެ ދުވަހެއް ސާފު ކުރުމުގެ ގޮތުންނެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، ޓީޗަރުންނަކީ ދުވާލަކު ނުވަ ގަޑިއިރާއި 12 ގަޑިއިރު މަސައްކަތުގައި އުޅޭ ބަޔަކަށްވާއިރު، އެ މީހުން ކުރާ މަސައްކަތަށް އެކަށީގެންވާ މުސާރައެއް ނުދެވޭ ކަމަށެވެ.

"އާއިލާއާއެކު ހޭދަކޮށްލާނެ ވަގުތެއް ނުލިބޭ މުދައްރިސުންނަކަށް. އަނެއްކާ މުދައްރިސުންނަކީ ކޮންމެ ދުވަހަކު އެތަކެއް ޕްރެޝަރުތަކާ ކުރިމަތިލާންޖެހޭ ބަޔެއް. މުދައްރިސުންގެ މަސައްކަތަކީ ހަމައެކަނިކިޔަވާ ދިނުމެއް ނޫން. އެމީހުންނަކީ އިދާރީ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ބަޔެއް،" ބެލެނިވެރިންނާއި ސްކޫލްތަކުގެ މެނޭޖުމަންޓުގެ އިތުރުން މިނިސްޓްރީންވެސް އެތަކެއް ޕްރެޝަރެއް ޓީޗަރުންނަށް ކުރިމަތިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުންގެ ވަޒީފާއަށް ޝައުގުވެރިވާ ކުދިންގެ ނިސްބަތް އަހަރުން އަހަރަށް މަދުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ އިތުރު ސަބަބަކީ ވެސް އެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންތަކެއް އުފެއްދުން ކަމަށެވެ.

އެގޮތުން، ކިޔަވާ ނިމޭ ކުދިން މި ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި މިނިސްޓަރު ހާމަކުރެއްވި އެވެ. އައިޝަތު އަލީ ވިދާޅުވީ އެހާ ގިނަ ވަގުތު ޓީޗަރުން މަސައްކަތުގައި އުޅޭ އިރު، އެއީ އެހާ ހިތްގައިމު އަދި ފަހަކަށްއައިސް އެހާ ގަދަރުވެރި މަސައްކަތެއްގެ ގޮތުގައި އާންމުން ބަލައިގަންނަ މަސައްކަތަކަށް ނުވާ ކަމަށެވެ. އަދި ޓީޗަރުން މަސައްކަތްކުރާ ވަރާ ގާތަށް ވެސް އެމީހުންނަށް މުސާރަ ނުދެވޭ ކަމަށް މިނިސްޓަރު އެއްބަސްވެވަޑައިގެންނެވި އެވެ.

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިނިސްޓަރު ވިދާޅުވީ އެކަން ފުރިހަމަ ވެގެންދާނެ ކަމާ މެދުގައި ޝައްކު ނުކުރައްވާ ކަމަށާއި އަންނަ އަހަރު މުސާރަ އަށް ހެޔޮ ގޮތްތަކެއް ވާނެ ކަމުގެ ހަބަރު ލިބިފައިވާ ކަމަށެވެ.

އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް ހިމަނާފައި ވަނީ 8.6 ބިލިއަން ރުފިޔާ އެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ އަށް ފުރިހަމަކޮށްދެއްވަން ބޭނުންވާ ގިނަ ކަންތައްތަކެއް ހުރުމުން 8.6 ބިލިއަން ރުފިޔާގެ ބަޖެޓު ކުޑަ ކަމަށެވެ. އެގޮތުން ވަރަށް ހާލުގައި ސްކޫލްތައް ހުރި އިރު، އެ ދާއިރާ އަށް އިތުރަށް ދެއްވަން މެމްބަރުން ބޭނުންވާ ނަމަ، އެ ފުރުސަތު ފަހިކޮށްދެއްވަން އެދިވަޑައިގެންނެވި އެވެ.